04 Dec 2017, 08:59
ކާމިޔާބު ދިވެހި ފިލްމު ބޮސްގެ އިތުރު ޝޯއެއް އޮލިމްޕަސް އަދި ސްރީލަންކާގައި ދެއްކުމަށް ނިންމައިފިއެވެ.
ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ބުނީ މިމަހުގެ ފަސްވަނަ ދުވަހު ބޮސްގެ އިތުރު ޝޯއެއް އޮލިމްޕަހުގައި އަޅުވާނެ ކަމަށެވެ. އަދި ލަންކާގައިވެސް އިތުރު ޝޯ އަކަށް ޓިކެޓް ވިއްކަން ފަށާފައިވާކަމަށް އޭނާ ބުންޏެވެ.
"މިމަހު ތިނެއް އަދި ހަތަރެއްގައި ބޮސްގެ ވަދާއީ ޝޯތައް އޮލިމްޕަހުގައި އަޅުވަން ނިންމި ނަމަވެސް އެ ދެޝޯ ވެސް ހައުސްފުލްވެފައި ވާތީ، އަދިވެސް ފިލްމު ބަލަން ބޭނުންވާ ގިނަ ބަޔަކު ތިބުމާއެކު އެމީހުންނަށް ފުރުސަތު ދިނުމަށް އިތުރު ޝޯއެއް ބާއްވަން ނިންމީ،" ނަހުލާ ބުންޏެވެ.

ބޮސްގެ މަންޒަރެއް -- ފޮޓޯ: ބޮސް
އޭނާ ބުނީ ސީދާ ފިލްމު ބެލުމަށް އަތޮޅުތެރެއިން މީހުން އައި ކަމަށެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން ދަތުރު ލަސްވެ، ޓިކެޓް ނުލިބުނު މީހުންނަށްވެސް ފުރުސަތު ދިނުމަށް އިތުރު ޝޯއެއް ބާއްވަނީ ކަމަށް ވެސް ނަހުލާ ބުންޏެވެ.
"އަދިވެސް އިތުރަށް އޮލިމްޕަސް ލިބެން އޮތްނަމަ ފިލްމު އަޅުވާނަން. އޮލިމްޕަސް ދެން ލިބެން އަންނަނީ ދުވަސްކޮޅަކަށް ފަހު،" ނަހުލާ ބުނީ ފިލްމު މިވަގުތަށް އޮލިމްޕަހުން ނަގާއިރު ޖުމްލަ 30 ޝޯ ދައްކާނެ ކަމަށެވެ. 100 ޕަސެންޓް ހައުސްފުލްކޮށް 26 ޝޯ މިހާތަނަށް ދެއްކިފައިވާކަމަށްވެސް އޭނާ ބުންޏެވެ.
ބޮސްއަށް ލިބެމުން އަންނަ ތަރުހީބަކީ ފިލްމަށް ލިބޭނެ ކަމަށް ލަފާކުރި ވަރަށްވުރެވެސް ބޮޑު ތަރުހީބެއް ކަމަށް ނަހުލާ ބުންޏެވެ.
އޮލިމްޕަހުގައި އިތުރު ޝޯ އެއް ދެއްކުމަށް ނިންމާފައިވާއިރު ލަންކާގައިވެސް ބޮސްގެ އިތުރު ޝޯ އެއް ބާއްވަން ވަނީ ނިންމައިފަައެވެ.

ބޮސްގެ މަންޒަރެއް -- ފޮޓޯ: ބޮސް
"ލަންކާގައި އަޅުވަން ނިންމި ޝޯތައްވެސް ވަރަށް އަވަހަށް ފުލްވެއްޖެ. އެހެންވެ އަނެއްކާވެސް އިތުރު ކުރީ."
ލަންކާގައި ބޮސް އެޅުވުމަށް ނިންމާފައިވަނީ މިމަހުގެ 6 ، 7 އަދި 8ގައެވެ.
ޖުލްމަ ހަތަރު ޝޯ ލަންކާގައި ދައްކާނެއެވެ. އެއީ މި ތިންރޭގެ ރޭގަނޑު ކޮންމެ ރެއަކު އެއް ޝޯ އަދި 7 ވަނަ ދުވަހުގެ ހެނދުނު އެއް ޝޯ އެވެ. މި ހަތަރު ޝޯގެ ޓިކެޓްވެސް މިހާރު ވިއްކަމުންދާކަމަށް ނަހުލާ ބުންޏެވެ.
ލަންކާގައި ބޮސް އެޅުވުމަށް ހަމަޖެހިފައިވަނީ މައުންޓް ލެވީނިއާގެ ސިނަމާއެއްގައެވެ. އެ ސިނަމާގައި ނަހުލާގެ 4426ގެ ކާމިޔާބު ޝޯތަކެއްވެސް ވަނީ މިދިޔަ އަހަރުގެ ތެރޭ ދައްކައިފައެވެ. ލަންކާއިން ބޮސް ބަލަން ބޭނުންވާ ފަރާތްތަކުން ޓިކެޓްގެ ކަންތަކުގައި ގުޅަން ޖެހޭނެ ނަމްބަރަކީ 0094775034678 އެވެ.
ބޮސްގެ ހައުސްފުލް ޝޯތަކެއް އަތޮޅުތެރޭގެ 100 އަށްވުރެ ގިނަ ރަށުގައި މިހާތަނަށް ވަނީ ދައްކައިފައެވެ. ބޮސް އަކީ މިހާތަނަށް އަތޮޅުތެރޭގެ އެންމެ ގިނަ ރަށްތަކެއްގައި ސްކްރީން ކުރެވުނު ފިލްމެވެ. ގިނަ ރަށްތަކަކުން ރިކޯޑް އަދަދެއްގެ މީހުން ވަނީ މި ފިލްމު ބަލައިފައެވެ.
ބޮސް އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

އައިޝަތު ރިޝްމީ ރަމީޒް ޑައިރެކްޓްކޮށް، ފާތިމަތު ނަހުލާ ޕްރޮޑިއުސްކުރާ ދިވެހި ފިލްމު "ބޮސް"ގެ ލީޑުރޯލުން ފެނިގެން ދާނީ، މަރިޔަމް އައްޒަ އާއި މުހައްމަދު ޔުނާން. މި ފިލްމު މިރޭ އޮލިމްޕަހުގައި ރިލީޒްކުރާނެ -- ސަން ފޮޓޯ: ކްރިސްޓަލްއެންޓަޓެއިންމަންޓް
ބޮސް އިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ އެވެ.
މީގެ އިތުރުން "ޑިޕްރެޝަން"އިން އަރައިގަތުމަށް އިބާ ކުރިމަތިލާ ގޮންޖެހުންތަކާއި އެކަމުގެ ތެރޭގައި ކުރެވޭ މަޖުބޫރީ ކައިވެންޏަކާ އެކައިވެނިން ލިބޭ ހިތްދަތިކަން، އަދި ލޯބިވާ މީހާ ނުލިބުމުން ކުރާ ހިތްދަތި އަސަރު ވެސް ބޮސް ފިލްމުން ފެނިގެންދެ އެވެ.
ފިލްމުގެ ނަން "ބޮސް" އިޝާރަތް ކުރަނީ ބޮސް ދިނުމަށެވެ. "ލޯތްބަށް ޓަކައި ދޭ ބޮސްގެ ބާރު" މި ފިލްމުން ދައްކައިދެ އެވެ. މީގެ އިތުރުން އިޚްލާސްތެރި ދުއާގެ ބާރު ވެސް މި ފިލްމުން ފެންނާނެ އެވެ.