މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ރާއްޖެ އިން ގިނަ ގައުމަތަކަކަށް ދައުވަތު ދީފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މުޅި ދުނިޔޭގައި އަތްފުނާއަޅައިގެން ދިވެހި އެކްސްޕޯޓަށް އެންމެ ރަނގަޅު އަގެއް ލިބޭނެ ގޮތެއް ހޯދުން ކަމަށެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކާއި އެމެރިކާ އާއި ޖަޕާން އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށް ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް ދައުވަތު ދީފައިވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަންނަނީ ހޮންކޮންގްއާ ވެސް މިވާހަކަ ދައްކަމުން. ހޮންކޮންގް އިން ވެސް ވަރަށް އަވަހަށް މިކަން ހަމަޖެހިގެން ދާނެ. އަޅުގަނޑުމެން ވެއްޖެ ދައުވަތުދީފަ އެކި ގައުމުތަކަށް. އޭގެ ތެރޭގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ޖަޕާން، ޔޫއެސް، އީޔޫ، ޔޫކޭ ފަދަ ގައުމަތަކަށް ވެސް ވެއްޖެ އިނގޭތޯ ދައުވަތު ދީފަ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ދާދިފަހުން ޗައިނާއާ އެކު ރާއްޖެއިން ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ބޭންކުތައް ރާއްޖެ އައުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އެ އެއްބަސްވުމުގެ އެންމެ ބޮޑު ފައިދާއެއް ކުރަމުންދާނީ ރާއްޖެއަށް ކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ވިޔަފާރީގައި ކުރިއަށް ދާން ބޭނުންވާ މީހުން ރާއްޖޭގެ ބޭންކަކުން ލޯނެއް ނަގާ ނަމަ ބޮޑު އިންޓްރެސްޓެއް އަރާ ކަމަށާއި އެ އެއްބަސްވުމުން އެކަމަށް ހައްލު ލިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ބޭރު ދުނިޔޭގެ ބޭންކުތައް ރާއްޖޭގައި އިތުރުކުރެވޭތޯ. މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ސަބަބުން ދުނިޔޭގެ ބޮޑެތި ބޭންކުތައް ރާއްޖެ އައުމަށް މަގުފަހިވޭ އެބަ،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވިގޮތުގައި ބޮޑެތި ބޭންކުތައް ރާއްޖެގައި ދެ ގޮތަކަށް އިންވެސްޓް ކުރެވިދާނެ އެވެ. ފުރަތަމަ ގޮތަކީ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ވިޔަފާރިވެރިންނަށް ލޯނު ދޫކުރުމެވެ. ދެވަނަ ގޮތަކީ ބޭރުގެ ބޭންކުތަކުން ސީދާ ރާއްޖޭގައި އިންވެސްޓްކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުދި ވިޔަފާރިވެރިން ކުރިއެރުވުމަށް ލޯނު ދޫކުރުމަށްފަހު ސަރުކާރުން އެމީހުން ތަމްރީނު ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.

"ދެން އޮތީ ކުދި ވިޔަފާރީތައް. އެ ވިޔަފާރީތައް ވެސް ހިމާޔަތްކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މިސަރުކާރުން އިނގޭތޯ. އޭގެ ނަތީޖާއަކީ މިއަދު ގެޓްސެޓް ލޯނު ދީގެން ކިތައް ޒުވާން ވިޔަފާރިވެރިންތޯ ނިކުމެތިބީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުދި ވިޔަފާރިތައް ކުރިއަރުވަން މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން އާ ގޮތްތަކަކަށް ޒުވާނުން ވިޔަފާރި ކުރަމުން އަންނަ ކަމަށާއި އެ ވިޔަފާރިވެރިންގެ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ހޯދައި ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.

އެޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދަނީ އެ އެއްބަސްވުން ރަނގަޅަށް ދިރާސާނުކުރާތީ ކަމަށެވެ.

"..ޗައިނާއިން އިންޕޯޓްކުރި އިންޕޯޓްގެ މައްޗަށް ބިނާކޮށްފައި ދިރާސާކޮށްފަ އެބައޮތް އެ ގެއްލެންޏާ ގެއްލޭނެ މިންވަރަށް ދާންދެން ބަޔާންކޮށްދީފަ. އެބޭފުޅުން ރިޕޯޓް ވިދާޅުނުވާތީ އެނގިވަޑައިނުގެން މިއުޅެނީ. އެހެންވެ އެ ޖަޒުބާތުގައި ތިއްބަވައިގެން އެ ވިދާޅުވަނީ މިކަމުގައި އާއްމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާށޭ،" ނިހާން ވިދާޅުވި އެވެ.

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަން މަޖިލީހުން ފާސްކުރުމުން އިދިކޮޅު ފަރާތްތަކުންް ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށްފައެވެ.