ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފައިނަލުގެ ޖާގައެއް ހޯދުމާ އެކު ޓީސީ ސްޕޯޓްސް ކްލަބު ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕަށް ދަތުރުކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ގްރީންގެ މައްޗަށް ނިއު އިން ކުރި ހޯދާފައި ވަނީ 4-0 ލަނޑުގެ ނަތީޖާ އަކުންނެވެ.

އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ނިއުރޭޑިއަންޓާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ނިއު އިން ވަނީ ފައިނަލްގެ ޖާގައެއް ހޯދާފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިއު އަކީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ކަމަށް ވުމުން އެ ޓީމަށް ވަނީ އެފްއޭ ކަޕްގެ ކުރިން ވެސް އޭއެފްސީ ކަޕްގެ ޖާގައެއް ކަށަވަރުވެފަ އެވެ. ޓީސީން ވެސް އެފްއޭ ކަޕްގެ ފައިނަލުގެ ޖާގައެއް ހޯދާފައި ވުމުން، އެ ކްލަބަށް އޭއެފްސީ ކަޕްގެ ކޮލިފިކޭޝަންގެ ޖާގައެއް އެ ޓީމަށް ލިބެނީ ލީގުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.

މިރޭ ކުޅުނު އެފްއޭ ކަޕްގެ ސެމީ ފައިނަލު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. މެޗުގެ ހަ ވަނަ މިނެޓުގައި ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އެ ލަނޑު އޭނާ ކާމިޔާބުކުރީ ގްރީންގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަކުންނެވެ.

އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ނިއުރޭޑިއަންޓާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ނިއު އިން ވަނީ ފައިނަލްގެ ޖާގައެއް ހޯދާފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ލަނޑަށް ފަހު ވެސް ނިއު އިން ދިޔައީ މެދުކެނޑުމެއްނެތި ގްރީންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ސެންޓޭ އާއި ހަސަން އަދުހަމް (ސަޑޭ) އަދި އަހްމަދު އަބްދުﷲ (ލިލީ)އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. އޭގެ ތެރެއިން ލިލީ ފޮނުވާލި ދެ ހަމަލާއެއް އަމާޒުވީ ގްރީންގެ ހުރަސް ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ނިއު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ވެސް ނިއު އިން ފެށީ ވަރުގަދަ ކުޅުމަކާ އެކު އެވެ. ނަތީޖާއެއްގެ ގޮތުން ދެ ވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވަނީސް އަބްދުﷲ މިދުހަތު ފަހުމީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ގްރީންގެ ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ނިއުރޭޑިއަންޓާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ނިއު އިން ވަނީ ފައިނަލްގެ ޖާގައެއް ހޯދާފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ 50 ވަނަ މިނެޓުގައި ނިއު އިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒުވާން ފޯވަޑް ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ގްރީންގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު، އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ އަކުންނެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ވެސް ނިއުއަށް ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނިއުގެ މޮޅު ކުޅުމަކަށް ފަހު، ގްރީންގެ ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ހަމަލާ، އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި ނިއުރޭޑިއަންޓާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ނިއު އިން ވަނީ ފައިނަލްގެ ޖާގައެއް ހޯދާފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ 72 ވަނަ މިނެޓުގައި ނިއު އިން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. މުހައްމަދު ރަޝީދު (ހޮކޭ) ދިން ބޯޅައަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސެންޓޭ އެވެ. ގްރީންގެ ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭއަށް ބޯޅަ ލިބުނު އިރު އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް، ނިއު އިން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ނިއުއަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެންޓޭ އެވެ. އެ ލަނޑާ އެކު އޭނާގެ ހެޓްރިކް ވެސް ފުރިހަމަވެގެންދިޔަ އެވެ.

އެފްއޭ ކަޕްގެ ފައިނަލުގައި ނިއު އާއި ޓީސީ ބައްދަލުކުރާނީ އަންނަ ބުދަ ދުވަހުގެ ރޭ އެވެ. އެ މެޗުގެ ކުރިން ބުދަ ދުވަހުގެ ހަވީރު ތިން ވަނަ ހޮވުމަށް ކުޅޭ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ގްރީން ބައްދަލުކުރާނެ އެވެ.