ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި ވެލިދޫ ބަލިކޮށް، މާޅެންދޫން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

އަމިއްލަ ރަށުގައި ކުރިއަށްދާ އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ތިނެއްގެ މެޗުގައި ވެލިދޫގެ މައްޗަށް މާޅެންދޫން ކުރި ހޯދާފައި ވަނީ 1-0 ލަނޑުންނެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މާޅެންދުއާއި ވެލިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޅެންދޫ މޮޅުވީ 1-0 ލަނޑުން ---

މިއަދު ހަވީރު ކުޅުނު އެ މެޗުގައި މާޅެންދޫ އަދި ވެލިދޫގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެވެ. އެ މެޗުގައި މާޅެންދޫން ކާމިޔާބުކުރި ލަނޑު، މެޗުގެ 38 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ފައިސަލް އެވެ.

އެ މެޗަކީ ގްރޫޕު ސްޓޭޖުގައި މާޅެންދޫ އަދި ވެލިދޫގެ ފަހު މެޗެވެ. މާޅެންދުއާ އެކު އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދޫ ވެސް ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މާޅެންދުއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ހޮޅުދުއަށް ދެ މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ތިން މެޗުން ވެލިދުއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ދެ މެޗު ކުޅެފައިވާ ޅޮހި ޓީމަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. ވެލިދުއަށް ހުރިހާ ގްރޫޕެއްގެ ތިން ވަނަ ހޯދާ އެންމެ ރަނގަޅު ދެ ޓީމުތަކުގެ ތެރޭ ހިމެނި ކުއާޓާގެ ޖާގައެއް ހޯދުމުގެ ފުރުސަތެއް އޮންނާނެ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މާޅެންދުއާއި ވެލިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޅެންދޫ މޮޅުވީ 1-0 ލަނޑުން ---

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބައްދަލުކުރާނީ ހޮޅުދުއާއި ޅޮހި ޓީމެވެ.

ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރޭގައި ހިމެނި ކުއާޓާގެ ޖާގަތައް ކަށަވަރުކޮށްފައިވާ ޓީމުތަކަކީ ހޮޅުދުއާއި، ލަންދުއާއި، މިލަދުއާއި، ހެނބަދުއާއި، ކުޑަފަރީ އަދި މާޅެންދޫ އެވެ. ހުރިހާ ގްރޫޕެއްގެ ތިން ވަނަ ހޯދާ އެންމެ ރަނގަޅު ދެ ޓީމުތަކުގެ ތެރޭ ހިމެނިފައިވުމުން މަނަދުއަށް ވެސް ވަނީ ކުއާޓާގެ ޖާގައެއް ލިބިފަ އެވެ. ގްރޫޕު ދޭއްގައި ހިމެނޭ މަނަދޫން ވަނީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ކުއާޓާގެ ފަހު ޖާގަ ލިބޭ ޓީމެއް ކަށަވަރުވާނީ މާދަމާ ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށްފަހު އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ތިން ގްރޫޕަކަށް ބަހާލާފައިވާ އިރު، ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކާއި ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.

  • ގްރޫޕް އެކެއް:ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.

  • ގްރޫޕް ދޭއް:މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
  • ގްރޫޕް ތިނެއް:ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.