07 Aug 2011, 22:42
ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވާ ދެވަނަ ފުރުސަތުގެ ދަށުން މިނިވަންކުރާ 400 ގައިދީންގެ ތެރެއިން 21 ގައިދީއަކު މަނާ ބޭހަށް ޕޮޒިޓިވްވުމުގެ ސަބަބުން އެމީހުން މުޖުތަމައަށް ދޫކުރުން ފަސްކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
މިނިވަން ދުވަހާއި ގުޅުވައިގެން ސަރުކާރުން މިނިވަންކުރާ ގައިދީންގެ ފުރަތަމަ ގުރޫޕް މާދަމާ މިނިވަންކުރާއިރު ސްޓޭޓް މިނިސްޓާ މުހަންމަދު ނައީމް (މޮނާޒާ) މިރޭ ވިދާޅުވީ، ދޫކޮށްލަން ނިންމާފައިވާ ގައިދީން މަސްތުވާތަކެއްޗަށް ޓެސްޓް ކުރިއިރު މަނާ ބޭހަށް ޕޮޒިޓިވްވި 21 ގައިދީއެއްގެ މައްސަލަ އިތުރަށް ބަލަން ޖެހިފައިވާ ކަމަށާއި އެ ގައިދީން ބަންދުން ވީއްލުން މިހާރު ފަސްކޮށްފައިވާ ކަމަށެވެ.
"އެ ކުދިން ޑްރަގަކަށް ނޫން ޕޮޒިޓިވްވީ. އޭގައި ނޫޅޭ ހީރޯއިންނަށް ޕޮޒިޓިވް ކުއްޖެއް. ޑޮކްޓަރުގެ ސިޓީއާ ނުލައި ދޫނުކުރާ، މިކިޔާ މަނާ ބޭހަށް ޕޮޒިޓިވް 21 ކުއްޖެއް މި ނޯޓިސްވީ. އެހެންވެ އެކުދިން ދޫކޮށްލުން ފަސްކޮށްލީ. އެކަމަކު އެ ކުދިންވެސް އިތުރު ޓެސްޓްތަކެއް ހަދާފައި މި އޮންނަ ޕްރޮސީޖާގެ ތެރެއިން ދެވަނަ ފުރުސަތު ލިބޭނެ،" މޮނާޒާ ނައީމް ވިދާޅުވި އެވެ.
މަނާ ބޭހަށް 21 ގައިދީން ޕޮޒިޓިވް ވީނަމަވެސް އޭގެ މާނައަކީ އެކުދިން ޖަލުގައި މަސްތުވާ އެއްޗިހި ބޭނުންކޮށްފައި ވުން ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަސްލު މި އެއްޗިހި މީޑިޔާއިން ސްޕިން ކުރަނީ. އަދި މަނާބޭހަށް ޕޮޒިޓިވް ވީމާ އެކަމަށް އެބަޖެހޭ އިތުރު ޓެސްޓް ހަދަން. އޭގެ މާނައަކީ އެކުދިން އެތަނުގައި ބޭނުންކުރިއްޔެކޭވެސް ނޫން،" މޮނާޒާ ނައީމް ވިދާޅުވި އެވެ.
ނަމަވެސް، ހޯމް މިނިސްޓަރު ހަސަން އަފީފް މިރޭ އެމްއެންބީސީގެ އަށެއްގެ ހަބަރުގައި ވިދާޅުވެފައިވަނީ، މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ގައިދީން ތަކެއް މިނިވަން ނުކުރަން ނިންމާފައިވާ ކަމަށާއި އެ ކުދިން އެތަކެތި ބޭނުންކޮށްފައިވަނީ ޖަލުގައި ކަމަށެވެ.
އަފީފް މިރޭ ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ވަނީ ސަން އަށް ލިބޭ ގޮތް ނުވެފަ އެވެ.
ގައިދީންނާއި އިންޓަވިއުކޮށް އަދި ހާއްސަ ކައުންސިލިން ޕްރޮގްރާމެއް ހިންގުމަށްފަހު މާދަމާ މިނިވަން ކުރަން ފަށާ 400 ގައިދީންގެ ތެރެއިން ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ކޮށްފައިވާ މީހުންކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
އެމީހުން މުޖުތަމައުއަށް ނެރޭއިރު މަދުވެގެން 2000ރ. ލިބޭ ވަޒީފާއެއް ހަމަޖައްސައިދޭނެ ކަމަށާއި އަދި މަދަނަ ޕްރޮގްރާމްގައިވެސް ބައިވެރިކޮށްދޭނެ ކަމަށް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ. އަދި އާއިލާއިން ހަވާލުނުވާ ގައިދީންނަށް ސަރުކާރުން އެކޮމޮޑޭޝަން ދިނުމަށް ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ.