03 Dec 2017, 19:56
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަންނަ އަހަރު ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ބެހޭގޮތުން މުޖުތަމައުގައި ހޭލުންތެރިކުރުމާ ގުޅޭ ތަކެތި އިފްތިތާހު ކުރުމަށް މިއަދު ހަވީރު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ޝިހާމް ވިދާޅުވީ 2013 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ހާއްސަ އެހީއަށް ކިޔަވައިދޭ ޓީޗަރުން ތިބީ ހަމައެކަނި 16 ސްކޫލުގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ އެއްވެސް ކުއްޖަކު ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން އަންނަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އެފަދަ ޓީޗަރުން ތިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާބެހޭގޮތުން މުޖުތަމައުގައި ހޭލުންތެރިކަން އިތުކުރުމުގެ ގޮތުން ބޭނުންކުރާނެ ތަކެތި އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ : ފަޔާޒު މޫސާ
"2013 ވަނަ އަހަރާއި ހަމައަށް ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެވިފައިވަނީ ޖުމްލަ 16 ސުކޫލެއްގަ. މި 16 ސުކޫލުގައި ޚިދުމަތް ދޭން ތަމްރީންވެފައިވާ އޭރު ތިބީ 86 ޓީޗަރުން. މީގެ ތެރެއިން 51 ޓީޗަރުން މަސައްކަތް ކުރަމުން ދިޔައީ މާލޭގެ ސުކޫލުތަކުގައި. 2018 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު ޚާއްސަ އެހީ އަށް ބޭނުންވާ ޓީޗަރުން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މަސައްކަތް ކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ރާއްޖޭގެ 97 ޕަސެންްޓު ސްކޫލުގައި ތިބޭނީ ދިވެހި ޓީޗަރުން ކަމަށް ވެސް ޝިހާމް ވިދާޅުވިއެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާބެހޭގޮތުން މުޖުތަމައުގައި ހޭލުންތެރިކަން އިތުކުރުމުގެ ގޮތުން ބޭނުންކުރާނެ ތަކެތި އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
ޝިހާމް ވިދާޅުވީ ތަފާތު ގޮތްގޮތަށް ތައުލީމު ހޯދަން ބޭނުންވާ ކުދިން ރާއްޖޭގެ ސްކޫލުތަކަށް އަންނާނެކަން އަޅުގަނޑުމެން ދަންނަން ޖެހޭކަމަށެވެ. އަދި އެކުދިންނަށް ޚިދުމަތް ފޯރުކޮށްނުދެވޭނަމަ އެއީ ބޭކާރުވެގެންދާ ވަރަށް މުހިންމު ވަސީލަތްތަކެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ބޭކާރުވެގެންދާ ވަރަށް މުހިންމު ވަސީލަތްތެއްގެ އިތުރުން އެއީ އެކުދިންނަށް ވެވޭ ވަރަށް ބޮޑު ބޭ އިންސާފެއްކަމަށް ވެސް ޝިހާމް ވިދާޅުވިއެވެ.
ކެއާ ސޮސައިޓީއާއި ޔުނިސެފް އަދި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ޚާއްސައެހީއަށް ބޭނުންވާ ކުދިންނާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިއަދު ވަނީ ހަތަރު އެނިމޭޓެޑް ވީޑިއޯއާއި ޕޯސްޓަރާއި އަދި ލީފްލެޓް ނެރެފައެވެ.
އެ ތަކެތީގައި ބޮޑަށް އަލިއަޅުވައިލައިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނުނުގެ ބައެއް މާއްދާތަކަށް ކަމަށް ކެއާ ސޮސައިޓީން ބުންޏެވެ. އޭގެ ތެރޭގައި ތައުލީމާއި ތަންނަނަަށް ވަދެ ނުކުތުމާ ގުޅޭ މާއްދާ ހިމެނެއެވެ.