03 Dec 2017, 19:26
ހދ. ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރޫއަށް 3300 ޓަނުގެ ބޮޑު ހިލަ ހިފައިގެން ރާއްޖެ ދަތުރުކުރި އެމްޓީސީސީގެ ބާޖެއް ތޫފާނުގައި ޖެހި މިދިޔަ ބުރާސްފަތި ދުވަހު ބަންޑުން ޖަހާލައިފިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި އިންޑިއާގެ ޓުޓިކޮރަން އިން ފުރައިގެން ރާއްޖެ ދަތުރުކުރި އެ ބާޖު ބަންޑުން ޖަހާލި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. އެ ބާޖު ބަންޑުން ޖަހާލީ ތަމަލްނަޑޫގެ ކަންޏާކުމާރީ ކަނޑަށެވެ.
އެ ހާދިސާއާ ގުޅޭގޮތުން "ސަން" އިން ސުވާލު ދެންނެވުމުން އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ އެކަމާ ގުޅޭގޮތުން އެކުންފުނިން ބަޔާނެއް ނެރޭނެ ކަމަށެވެ. އިތުރު މައުލޫމާތެއް ހިއްސާ ނުކުރެއެވެ.
ކުޅުދުއްފުށީ ބިން ހިއްކަނީ އެރަށުގައި އެއާޕޯޓެއް އެޅުމަށެވެ. އެއާޕޯޓު އެޅުމަށްޓަކައި ހިއްކަނީ އެރަށު ކުޅީގެ ބަޔަކާއި މޫދުގެ ސަރަހައްދެކެވެ. މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ.
ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް އަދި ކުންފުންޏަކާ ހަވާލުކޮށްފައެއްނުވެއެވެ. ރައީސް ޔާމީން ވިދާޅުވީ އަންނަ އޮގަސްޓް މަހުގެ ތެރޭގައި ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓް ޖައްސަން ފަށާނެ ކަމަށެވެ.