ރައީސް ނަޝީދުގެ ސަރުކާރުން ހިންގި ކޮންމެ މަޝްރޫއަކަށް، މި ސަރުކާރުން ފަސް މަޝްރޫއު ހިންގައިފި ކަމަށާއި އެ ސަރުކާރާ އަޅާކިޔާއިރު މި ސަރުކާރުގެ ދަރަނިވެސް އެތައް ތަނެއް ކުޑަ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ދަރަނީގެ ވާހަކަ މިއަދު ދައްކާއިރު މި ސަރުކާރުގެ ހަތަރު އަހަރަށް ވުރެ ކުރީ ސަރުކާރުގެ ތިން އަހަރުގެ ދަރަނި ބޮޑު ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރުން ދަރަނި ނަގައިގެން މަޝްރޫއު ހިންގަނީ ރައްޔިތުންގެ ފައިދާއަކަށް ކަަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރަށް ދެން އަމާޒުވާ ފާޑުކިޔުމަކީ ސަރުކާރުން މަޝްރޫއުތައް ހިންގަނީ ނު އަގުގައި ކަމަށް ބުނެކަމަށެވެ. އެގޮތުން ހިންގާ ބޮޑެތި މަޝްރުއުތަކަކީ ކުޑަ އަގަކުން ފުއްދާލެވޭނެ މަސައްކަތެއް ނަމަވެސް މި ސަރުކާރުން ބޮޑު އަގުގައި އެ މަޝްރޫއު ތައް ކުރިއަށްގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ، އަދަދު ތަކަށް ބަލާއިރު މަޝްރޫއުތައް ބޮޑު އަގުގައި ހިންގުނީ ކޮން ސަރުކާރަކުންތޯ ސާފުވާނެކަމަށެވެ.

"ނަޝީދު ސަރުކާރުގައި އަހަރަކަށް 8 ބިލިއަން ރުފިޔާ ދަރަނި އުފެއްދި. މި ސަރުކާރުން އަހަރަކު މި އުފައްދަނީ 3 ބިލިއަން. އަހަރަކު އަށް ބިލިއަން ދަރަނިވެގެން ހިންގިފައި ހުރި ބޮޑެތި މަޝްރޫއުތަކަށް ބަލާއިރު އެ ސަރުކާރަށް ހިންގިފައިހުރީ 692 މަޝްރޫއު. މި ސަރުކާރުން އަހަރަކު 3 ބިލިއަން ދަރަނިވެގެން ހިންގިފައި ހުރި މަޝްރުއުގެ އަދަދަކީ 3678 މަޝްރޫއު،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ އަދަދުތަކުން ދައްކައިދެނީ މި ސަރުކާރުން ރައްޔިތުންނަށް ކަންތައްތައް ކޮށްދޭ މިންވަރު ކަމަށާއި އަދި ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންވާ މިންވަރު އެ އަދަދު ތަކުން ދައްކައިދޭ ކަމަށެވެ.

" މި ހިސާބު ދުލަށް ފަސޭހަ ގޮތަކަށް ބުނަންޏާ މިބުނަނީ ރައީސް ނަޝީދު ހިންގި ކޮންމެ މަޝްރޫއަކަށް މި ސަރުކާރުން ފަސް މަޝްރޫއު ހިންގައިފިއޭ. އެހެންވީމަ އެހާ ގިނަ ފައިސާ ނަގައިގެން އެހާ ދަރަނި ބޮޑުވެގެން ހިންގުނު މަޝްރޫއަކަށް މި ސަރުކާރުން ފަސް މަޝްރޫއު ހިންގައިފި، އަދި އެއީ ނިސްބަތުން ބޮޑެތި މަޝްރޫއު ތައް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިމި އެކަމުގެ ފައިދާ ކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށާއި އެ ކަމުގެ ފޮނި މީރުކަން ލިބޭނީ، އެއިރަކު ހުންނަ ވެރިއަކަށް ކަމަށެވެ. އަދި ވިދާޅުވީ އެ ދުވަހަކުން ދައުލަތަށް ލިބޭ ފައިސާގެ އަދަދަށް އެއިރަކު ހުންނަ ފިނޭންސް މިނިސްޓަރަކު ހެކިވާނެ ކަމަށެވެ.