ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާގެ މިޑްފީލްޑަރު އާޑާ ޓުރާން، އެ ކްލަބު ދޫކޮށްލާނެ ކަމަށް އޭނާގެ އެޖެންޓް ބުނެފި އެވެ.

މިސީޒަނުގައި ބާސާ ކުޅުނު އެއްވެސް މެޗެއްގައި ޓުރާން ފެނިފައި ނުވާ އިރު، ބާސާގެ ސްކޮޑުން ބައެއް ކުޅުންތެރިން ދޫކޮށްލުމުގެ ވިސްނުމެއް އެ ކްލަބުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ގެންގުޅެ އެވެ.

ޓުރާންގެ އެޖެންޓް އަހްމެތު ބުލުޓް ބުނީ، ތުރުކީ މިޑްފީލްޑަރު ޖެނުއަރީ ޓްރާންސްފާގައި އެހެން ކްލަބަކާ ގުޅޭނެ ކަމަށާއި އެކަމަކު ޓުރާން ގުޅޭނެ ކްލަބެއް އަދި މުޅިން ނުނިންމާ ކަމަށެވެ. އަދި ޓުރާން އެނބުރި ގަލަތަސަރާއީއާ ގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާގެ އެޖެންޓް ވަނީ ދޮގުކޮށްފަ އެވެ.

"ޓުރާން ގުޅޭނެ ކްލަބެއް އަދި ނޭނގޭ. އެކަމަކު ޖެނުއަރީގައި ބާސާ ދޫކޮށް އޭނާ ދާނެ. އަހަރެމެން މިވަގުތު ސްޕެއިން، އިޓަލީ އަދި އިނގިރޭސި ކްލަބުތަކަކާ އެބަ ވާހަކަދައްކަން. އެކަމަކު ގަލަތަސަރާއީއާ ވާހަކަދައްކާފައެއް ނުވާނެ. އެންމެ ފަހުގެ ނިންމުން 15 ދުވަސްތެރޭ ނިންމާނަން. ދެ ފުރުސަތެއް އެބައޮތް. އެއީ ޓުރާން ވިއްކާލުން ނުވަތަ ލޯނުގެ ދަށުން ދޫކުރުން،" ބުލުޓް ބުންޏެވެ.

ޓުރާން ހޯދުމަށް އާސެނަލުން މަސައްކަތް ކޮށްފައިވާ އިރު، އެ ކްލަބުން އޭނާ ހޯދުމަށް މަސައްކަތްކުރަނީ މިސީޒަން ނިމުމުން އާސެނަލާ އެކު މެސުޓް އޮޒިލް ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާތީ ކަމަށް ހަބަރުތައް ބުނެ އެވެ.

ޓުރާން އަކީ މިސީޒަނުގައި ބާސާގެ ޓީމުން އެންމެ މިނެޓަކު ވެސް ފެނިފައިނުވާ ހަމައެކަނި ސީނިއާ ކުޅުންތެރިޔާ އެވެ. އެތުލެޓިކޯ މެޑްރިޑުން 2015 ވަނަ އަހަރު ބާސާއާ ގުޅުމަށް ފަހު، އޭނާ ވަނީ އެ ކްލަބަށް ކުޅުނު 55 މެޗުން 15 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.