03 Dec 2017, 16:41
ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ޓުވީޓް ކުރީ އާންމުން ހޭލުންތެރި ކުރުމަށް ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދަށް ވިދާޅުވެއްޖެ އެވެ.
ޕާޓީ ބަދަލުކުރާ މަތިން ތިން ކޮޓަރީގެ އެޕާޓްމަންތަކާއި މިލިއަނުން ފައިސާ ހުށަހަޅާފައިވާ ކަމަށް ބުނެ މީޑިއާގައި ޝާއިއުކޮށްފައިވާ ލިއުމަކާ ގުޅިގެން އޭސީސީން ވަނީ ޝިފާއާ ސުވާލުކޮށްފަ އެވެ.
އެ މައްސަލަ ބެލުމަށް ފަހު އޭސީސީ އިން ބުނެފައި ވަނީ، އެކަމާ ގުޅިގެން ޝިފާއާ ސުވާލު ކުރުމުން، "ކޮޅު ބަދަލުކުރާ މަތިން ތިން ކޮޓަރީގެ އެޕާޓްމަންތަކާއި، މިލިއަނުން ފައިސާ ހުށަހަޅާފައިވޭ،" ކަމަށް ބުނެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ޓުވީޓެއް ކުރި ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެވާހަކަ އެއްވެސް ނޫހެއްގައި ޝާއިއު ކުރިކަން އެނގިފައި ނުވާ ކަމަށާއި، އެކަމާ ގުޅިގެން އެއްވެސް ނޫސްވެރިއަކު ޝިފާއާ ސުވާލުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވެފައިވާ ކަަމަށް އޭސީސީން ބުނެ އެވެ.
އޭގެ އިތުރުން އެގޮތަށް ބުނެ ޓުވީޓް ކުރީ، މުޖުތަމައު ތެރޭގައި އެފަދަ މައްސަލަތައް ހިނގާ ކަމަށް ގަބޫލު ކުރެވިގެން އެކަމާ މެދު އާންމުން ހޭލުންތެރިކުރުމަށް ޓަކައި ކަމަށް ޝިފާ ވަނީ އޭސީސީ އަށް ދެއްވި ބަޔާނުގައި ވިދާޅުވެފަ އެވެ. އަދި އެއީ ޝިފާ ލިޔަން ފަށާފައިވާ ވާހަކައެއް ކަމަށާއި އެ ވާހަކައިގެ ދެވަނަބައި ފަހުން ޝާއިއުކުރާނެ ކަމަށް ވެސް އޭސީސީ އަށް ދިން ބަޔާނުގައި ޝިފާ ވަނީ ވިދާޅުވެފަ އެވެ.
ޝިފާގެ އެ ޓުވީޓުން ވަކި ޕާޓީއަކަށް ނުވަތަ ވަކި ފަރާތަކަށް ނިސްބަތްވެފައިވާ ކަމުގެ މާނައެއް ދޭހަ ނުވާނެ ކަމަށާއި، އެފަދަ އެތައް ވާހަކައެއް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ޓުވީޓް ކޮށްފައިވާނެ ކަމަށް ޝިފާ ވަނީ ވިދާޅުވެފަ އެވެ.
ޝިފާ އޭސީސީ އަށް ދެއްވާފައިވާ ބަޔާނުން ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ފާހަގަ ނުކުރެވޭތީ އާއި، އެންޓި ކޮރަޕްޝަން ގާނޫނުގައިވާ ފަދައިން އެ މައްސަލައަކީ ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލައެއް ކަމަށް އޭސީސީން ވަނީ ކަނޑައަޅައިފަ އެވެ.