03 Dec 2017, 16:31
ރާއްޖޭގެ އެކި ކަންކޮޅުތަކުން 2696 މީހުން ސަރުކާރު ހިންގާ ޕާޓީ ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކޮށް އެ ފޯމްތައް ރައީސުލްޖުމްރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާ މިއަދު ހަވާލުކޮށްފި އެވެ.
އެ ފޯމްތައް ރައީސާ ހަވާލުކޮށްފައި ވަނީ މިއަދު މެންދުރު ފަހު "މަވެސް ޕީޕީއެމް" ނަމުގައި ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ގިނަ އަދަދެއްގެ ރައްޔިތުން ޕީޕީއެމް އާ ގުޅިވަޑައިގަތުމަކީ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ފަހަކަށް އައސް ޕީޕީއެމް އިން އިންތިޒާމް ކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ކަހަލަ ހަރަކާތްތައް ހިންގަމުން އަންނަ ކަމަށެވެ. އެކަމުގެ ސަބަބުން ޕާޓީ އަށް މީހުންގެ ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށާއި ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި ރާއްޖެ އަށް ވަރަށް ވެސް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޕީޕީއެމް އާ އަލަށް ގުޅުނު ރައްޔިތުންގެ ފޯމްތައް--- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ރާއްޖޭގެ ރައްޔިތުންނަށް އެތަކެއް ލުއި ފަސޭހަތަކެއް މިއަދު ލިބިގެން އެބަދޭ. އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް ރައްޔިތުންނަށް ފެންނަން ހުރީ،" އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެން ހެއްދެވި ހުރިހާ ބަޖެޓަކީ މެނިފެސްޓޯ ޑެލިވާ ކުރުމަށް ހައްދަވާފައިވާ ބަޖެޓުތަކެއް ކަމަށެވެ.
މިއަހަރު ވެސް ބަޖެޓް ހެއްދެވީ މެނިފެސްޓޯގައި ހުރި ކަންކަން ހާސިލް ކުރުމަށް ޓަކައި ކަމަށާއި މިހާރު ހާސިލްކުރެވިފައި ހުރި ކަންތައްތަކުގެ އިތުރުން ދެން ކުރިއަށް ދާންވީ މަގު ތައްޔާރުކޮށްފައިވާ ބަޖެޓެއް ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ޕީޕީއެމް އާ އަލަށް ގުޅުނު މީހުންގެ ފޯމްތައް ރައީސް އާ ހަވާލުކުރަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ރައީސް ކުރީގެ އިންތިހާބް ވިން ކުރަން ގެންނެވި މެނިފެސްޓޯ ހުރި ކަންތައްތައް ހާސިލް ކުރުމަށް ރައީސް ބަޖެޓް ހެއްދެވީ،" އޭނާ ވިދާޅުވި އެވެ.