03 Dec 2017, 16:35
މިއަހަރު ނެރުނު ކާމިޔާބު ކޮމެޑީ ފިލްމު "ނޯޓީ 40"ގެ ފޮލޯ އަޕް "40 ޕްލަސް" އަށް ސަޕޯޓިން ކާސްޓުން ހޯދަން އިއުލާނުކޮށްފިއެވެ.
ސަން އާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ބުނީ ފިލްމުގެ ސަޕޯޓިންް ކާސްޓުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ހަތަރު ތަރިން ނަގާނެ ކަމަށެވެ. އެއީ އަންހެން ދެ ތަރިންނާ ފިރިހެން ދެ ތަރިންނެވެ. ޝަފީގު ބުނީ މި ރޯލުތަކަށް ނަގާނީ ޒުވާން ކުދިން ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އިސްކަންދެން ޒުވާން އާ ތަރިން މި ދާއިރާ އަށް ނެރެން، އެކުދިންނަށް ފުރުސަތު ދިނުމަށް މިގޮތަށް އިއުލާނު ކުރީ" ޝަފީގު ބުންޏެވެ.
"40 ޕްލަސް"ގެ ޝޫޓިން ކުރިއަށް ގެންދާނީ ތ. ބުރުނީގައެވެ. ލޮކޭޝަންތައް ފައިނަލް ކުރުމަށް ކުރޫ މިހާރުވެސް ތިބީ އެ ރަށުގައި ކަމަށް ޝަފީގު ބުންޏެވެ. މި މަހުގެ 21ގައި ޝޫޓިން ފަށާނެ ކަމަށާއި އެއް މަސްތެރޭ ޝޫޓިން ނިންމާލެވޭނެ ކަމަށްވެސް ޝަފީގު ބުންޏެވެ.
އަންނަ އަހަރުގެ ތެރޭ 40 ޕްލަސް ބެލުންތެރިންނާ ހަމައަށް ގެންނަން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
އެ ފިލްމަކީ ޔޫއްޕެގެ އަމިއްލަ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ. މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ، ނޯޓީ40ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ.
މީގެ އިތުރުން، ނޯޓީ40ގެ ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ ވެސް "40+"ގައި ހަރަކާތްތެރިވާނެއެވެ.