07 Aug 2011, 22:20
ރާއްޖޭގެ އެކި ހިސާބުތަކަށް މިދުވަސްވަރު އުދަ އަރައި ޢާންމުންނަށާއި ގޯތިގެދޮރަށާއި ގަސްގަހާ ގެއްސަށާއި ހިފައި ގެންގުޅޭ ތަކެއްޗަށް ލިބެމުންދާ ގެއްލުންތަކާ މެދު ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށް ބުނެ ޑީއާރުޕީން އެކަން ކުށްވެރިކޮށްފި އެވެ.
އިދިކޮޅު ޑީއާރުޕީގެ މީޑިއާ ކޮޑިނޭޓަރު އަލީ ސޯލިހު ސޮއި ކުރައްވައި މިއަދު އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މީހުންގެ ދިރިއުޅުމުގެ އަގުތައް އަތްނުފޯރާ ފަށަށް މައްޗަށް ގޮސް، އަދި ރޯދަ މަހާ ދިމާވުމުން ކުރަން ޖެހޭ ޚަރަދުތައް އެތައް ގުނައަކަށް އިތުރު ވެފައިވާ ވަގުތެއްގައި މި ހިތާމަވެރި ޙާދިސާ ކުރިމަތިވުމުން ގެއްލުން ލިބެމުންދާ ރަށްތަކުގެ ރައްޔިތުން ބަރުދާސްތު ކުރަން ޖެހިފައިވާ ވޭނާއި ދަތިތައް ދެގުނައަށް ބޮޑުވެފައިވާ ކަން ފާހަގަ ކުރާ ކަމަށެވެ.
"މިފަދަ ކަންބޮޑުވާން ޖެހޭ ދަނޑިވަޅުތަކުގައި ސަރުކާރުގެ އަމިއްލަ މަސްލަހަތާ ގުޅުންހުރި ކަންކަން އެއްކިބާކޮށް މި ޙާދިސާ އަށް ސަމާލުކަން ދިނުމަށާއި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިހާރުން މިހާރަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމެވެ." ޑީއާރުޕީގެ ބަޔާނުގައިވެ އެވެ.
އުދައެރި ރަށްތަކުގައި ގެއްލުން ލިބުނު ޢާއިލާތަކަށް އެހީވުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭންނާއި މަޖިލީހުން ބޭރުގައި ޑީއާރުޕީން ފުރިހަމަ ތާއީދާއި އެއްބާރުލުން ދޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ދިޔަވަރު ބޮޑުވާ ވަގުތު ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް އުދައަރާތާ ދެތިން ދުވަސް ވެއްޖެ އެވެ.