03 Dec 2017, 15:47
ގާނޫނީ ވަކީލު އަހްމަދު ޝާން ސަސްޕެންޑް ކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ޝާންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ބަދުއަހްލާގީ އަމަލުތަކެއް ހިންގުމުގެ ކުށުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާތީ، އެ މައްސަލައާ މެދު ވަކި ގޮތެއް ކަނޑައެޅެންދެން މިއަދުން ފެށިގެން އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ޑީޖޭއޭއިން އޭނާ ސަސްޕެންޑް ކުރުމުން ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލް ތަކުގައި އޭނާ އަށް ވަކާލާތު ނުކުރެވޭނެ އެވެ.
ޝާން ހައްޔަރު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި އޭނާ ދިރިއުޅެމުން ދިޔަ ގެސްޓް ހައުސްގެ ތެރެއިންނެވެ. ނަމަވެސް މިހާރު އޭނާ ހުރީ ދޫކޮށްލާފަ އެވެ.
މީގެ ކުރިން ޝާންގެ ގާނޫނީ ވަކީލު ޝަޒީމް ވަހީދު، ޝާން އާ ހަވާލާދީ ވިދާޅުވެފައިވަނީ، ފުލުހުން ގެސްޓު ހައުސް އަށް ވަން އިރު ޝާން ހުރީ ފުރަން ކާނޑެއްދޫ އެއާޕޯޓަށް ދިޔުމަށް ތައްޔާރުވުމަށް ފާޚާނައިގައި ކަމަށެވެ. އަދި އެ ކޮޓަރީގެ ދޮރު ހުޅުވީ ކޮޓަރީގައި ހުރި އަންހެން ކުއްޖާ ކަމަށާއި އަންހެން ކުއްޖާ އެ ކޮޓަރިއަށް ވައްދާފައި ވަނީ ބަޔަކު ދުރާލާ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ޝާން ހުރި ގެސްޓް ހައުސް އަށް ފުލުހުން ވަނީ ކޯޓު އަމުރެއް ނެތި ކަމަށާއި އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 31 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށް ވެސް ޝާންގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ.
އެ އަންހެން ކުއްޖާ އަކީ މީގެކުރިން ވެސް އެފަދަ މައްސަލަތަކުގައި ތިނަދޫ ޕޮލިސްޓޭޝަނަށް ހާޒިރުކޮށްފައިވާ ކުއްޖެއް ކަމަށާއި ނަމަވެސް ހައްޔަރު ކުރި ރޭ އަންހެން ކުއްޖާ ބަންދުން ދޫކޮށްލާފައިވާ ކަމަށް ޝަޒީމް ވިދާޅުވިއެވެ.