އިސްރާއިލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާއިން ބަލައިގަތުމަކީ ސުލްހަ ނައްތާލުންކަމަށް ފަލަސްތީނުުން ބުނެފިއެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާހަށް ލަފާއަރުވާ، ސީނިއާ އެޑްވައިޒަރެއް ކަމަށްވާ މަހުމޫދު ހަބާޝް ވިދާޅުވީ އެމެރިކާއިން، ގުދުސް، އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ބަލައިގައުމަކީ ސުލްހަ ގާއިމުކުރުމުގެ މަސައްކަތް މުޅިން ނައްތާލުން ކަމަށެވެ. އަދި ވިދާޅުވީ، އޭގެ ސަބަބުން މުޅި ދުނިޔެ ހީވެސް ނުކުރާފަދަ ނުރައްކަލައްގެ ތެރެއެއްވެއްޓި އެކަން ބޮޑު މުސީބާތަކަށް ވެގެން ހިނގައިދާނެކަމަށެވެ.

ސީއެންއެން އިން އިއްޔެ ބުނިގޮތުގައި ގުދުސް، އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަތުމަށް މި ހަފްތާގެ ތެރޭގައި ހަމަޖެހިފައިވާކަން އެމެރިކާގެ އޮފިޝަލުން ވަނީ އެ ޗެނަލްއަށް ޔަގީންކޮށްދީފައެވެ.

ގުދުސްގެ މައްސަލައިގައި މަހުމޫދު އައްބާސް ވަނީ މިސްރުގެ ރައީސް ޖެނެރަލް ފައްތާހު އަލް ސީސީއާއި، ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން އަދި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީއަށް ފޯނުން ގުޅުއްވައި ޓްރަމްޕަށް ފިއްތުންތައް ކުރިމަތި ކުރުމަށް އެދިވަޑައިގަންނަވައިފައެވެ.

އިސްރާއިލުން ގަބޫލުކުރާގޮތުގައި ގުދުސް އަކީ އެގައުމުގެ ވެރިރަށެވެ. ނަމަވެސް ބައިނަލްއަގްވާމީ ދުނިޔެއިން ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ބަލައިގެންފައެއް ނުވެއެވެ. އަދި ދުނިޔޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި އެމްބަސީތައް ވެސް ގާއިމްކޮށްފައިވަނީ އިސްރާއިލުގެ ތެލްއަވީވްގައެވެ. އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕް ވަނީ އިސްރާއިލުގެ ތެެލްއަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ގުދުސް އިސްރާއިލުގެ ވެރިރަށްކަމަށް އެމެރިކާއިން ބަލައިގެންފިނަމަ އިސްރާއިލާ ދެކޮޅަށް ހަމަލާތައް އިތުރުކުރާނެކަމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.