މި ސަރަހައްދުގައި އުފެދުނު ތޫފާނުގެ ސަބަބުން ރާއްޖޭގެ އުތުރަށާއި މެދު ރާއްޖެތެރެ އަށް ކުރި ވިއްސާރާގައި އެކިވަރުގެ ގެއްލުންވެގެން 62 ރަށަކުން ރިޕޯޓު ކުރި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފި އެވެ.

ސަން އާ ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް ސޮފީނާޒް ހަސަން ވިދާޅުވީ އެކި ރަށްރަށުން ރިޕޯޓުކޮށްފައި ވަނީ އެކިވަރުގެ ގެއްލުން ކަމަށެވެ.

"އޭގެ ތެރޭގައި ހިމެނޭ އެކިވަރުގެ އަސަރުތައް ކުރި ރަށްތައް. ރުއްގަސްތައް ވެއްޓިގެންނާއި ފެންބޮޑުވެގެން އަސަރު ކުރި ރަށްރަށް ވެސް ހިމެނޭ. އަދި ވައިގަދަވެގެން ގޭގޭގެ ފުރާޅު އެއްލައިލުމުގެ ރިޕޯޓުތައް ވެސް ލިބިފައިވޭ،" ސޮފީނާޒް ވިދާޅުވި އެވެ.

އެ ގެއްލުންތަކުގެ ތަފްސީލު ދެއްވަމުން ޝަފީނާޒް ވިދާޅުވީ ފެންބޮޑުވެގެން 36 އަށަކުން ރިޕޯޓު ކުރި ކަމަށާއި އުދަ އަރައިގެން ވެސް ހަތަރު ރަށަކުން ރިޕޯޓު ކުރި ކަމަށެވެ. އަދި ރުއްގަސް ވެއްޓުމުގެ ހާދިސާތައް 22 ރަށަކުން ރިޕޯޓުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަތޮޅުތަކުގެ ކައުންސިލްތަކުން މިހާރު ވެސް އަޅުގަނޑުމެންނަށް ރިޕޯޓުތައް ފޮނުވަމުން އެބަދޭ ރަށްރަށަށް ލިބުނު ގެއްލުންތަކުގެ. ސީދާ ލިބުނު ގެއްލުންތަކާ އޭގެ ތަފްސީލު ހާމަކުރަން އެނގޭނީ އެ ރިޕޯޓްތައް ބެލުމަށް ފަހު،" ޝަފީނާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރިއުޅެން ދަތިވާވަރަށް އެއްވެސް ރަށެއްގެ އެއްވެސް ގެއަކަށް ގެއްލުން ލިބިފައި ނުވާ ކަމަށެވެ. ފެން ބޮޑުވުމުގެ ސަބަބުން ގޭތެރޭ ފެންބޮޑުވެގެން ރިޕޯޓުތައް ލިބުނު ނަމަވެސް އެއްވެސް ރަށެއްގެ އެއްވެސް ގެއަކަށް މީހުންނަށް ނޫޅެވޭ ވަރަށް ގެއްލުން ނުލިބޭ ކަމަށް ވިދާޅުވި އެވެ.

"ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެގެން ބައެއް ރަށްރަށުގެ ގޭގެއިން މީހުން ބަދަލު ކުރަން ޖެހުނު، އެކަމަކު އެ ގޭގެއިން ފެން ހިއްކުމަށް ފަހު މީހުންނަށް އުޅެވޭ ވަރު ވުމުން އެމީހުން ވަނީ ގެއަށް ބަދަލުވެފައި. ގޭގައި ދިރއުޅެން ދަތިވިވަރުގެ ހާދިސާއެއް ނުހިނގާ،" އޭނާ ވިދާޅުވި އެވެ.