ސަނާ ( 03 ޑިސެމްބަރު) : ޔަމަނުގެ ކުރީގެ ރައީސް އަބްދުﷲ ސާލިހުގެ ވަފާތެރިންނާއި އެ ގައުގައި ވެރިކަންކުރާ ހޫތީ ހަނގުރާމަވެރިންނާ ދެމެދު ސަނާގައި ދެމުން ދިޔަ ހަމަލާތައް މަޑުޖެހިއްޖެ ކަމަށް ޔަމަނުގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލުން ބުނެފި އެވެ.

ކައުންސިލުގެ ރައީސް ސާލިހް އަލް ސަމަދު ވަނީ ޔަމަނުގެ ރައްޔިތުން ކެތްތެރިވެ ހަމަޖެހިގެން ތިބުމަށާއި އަދި ހަމަނުޖެހުން އުފެދޭނެ ކަންތައްތަކަށް ގައުމު ވައްޓާނުލުމަށް އިލްތިމާސްކޮށްފަ އެވެ.

"ގައުމަށް ހަމަޖެހުން ގެނައުމަށް ޓަކައި ސެކިޔުރިޓީ ސާވިސަސް އިން މިދަނީ ކެނޑިނޭޅި މަސައްކަތްކުރަމުން. ގައުމުށް ހަަމަނުޖެހުން ގެންނަން އުޅޭ ފަރާތްތަކާ މެދު ހަރުކަށީ ފިޔަވަޅު އަޅާނަން،" ސަމަދު ވިދާޅުވި އެވެ.

ޔަމަނުގައި އަނެއްކާ ވެސް ހަމަނުޖެހުން އުފެދުނީ ހޫތީންނާ އެކު ކޯލިޝަން ހަދައިފައިވާ ކުރީގެ ރައީސް ސާލިހް ސައުދީއާ މަޝްވަރާކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުމުގެ ސަބަބުންނެވެ. ސާލިހް ވިދާޅުވީ ސައުދީން ޔަމަނުގެ އެއްގަމާއި ވައިގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި ނަމަ ސައުދީއާ އޮތް ގުޅުން މުޅިން އާފެށުމަކުން ފަށަން ތައްޔާރަށް އޮތް ކަމަށެވެ. ސައުދީން ދަނީ 2015 އިން ފެށިގެން ޔަމަނާ ދެކޮޅަށް ވަރުގަދަ ހަނގުރާމަ ކުރަމުންނެވެ.

ސާލިހްގެ ވެރިކަން ވައްޓާލުމަށް ފަހު ޔަމަނުގެ ވެރިކަމަށް ވަޑައިގެެންނެވީ މަންސޫރު ހަދީ އެވެ. ނަމަވެސް ހޫތީން ވަނީ ހާދީގެ ވެރިކަން ވެސް ވައްޓާލައިފަ އެވެ. ސައުދީން ޔަމަނާ ދެކޮޅަށް ހަނގުރާމަފެށީ ހާދީގެ ވެރިކަން އަލުން ރުޖޫއަކުރުމަށެވެ. ނަމަވެސް މިހާތަނަށް ވެސް ސައުދީއަށް ހާސިލްކުރަން ބޭނުންވި އެއްވެސް މަގުސަދެއް ހާސިލްވެފައެއް ނެތެވެ.

ހޫތީންގެ ލީޑަރު އަބްދުލްމާލިކް އަލް ހޫތީ ވަނީ ސާލިހްގެ ވާހަކަތައް ވަރަށް ބޮޑަށް ކުުށްވެރިކުރައްވައިފަ އެވެ. އަދި ވަނީ ސާލިހްގެ އަމަލުތައް ބަޣާވާތެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

ސައުދީން ޔަމަނަށް ދޭންފެށި ހަމަލާތަކާ އެކު ޔަމަނުގައި މިހާރު ވަނީ އިންސާނި ބޮޑު މުސީބާތެއް ޖެހިފަ އެވެ. އެގައުމުގެ މިހާތަނަށް ވަނީ 12،00 މީހުން ވަނީ މަރުވެފަ އެވެ.

ޕްރެސްޓީވީ