03 Dec 2017, 13:20
ލ. ގަމުގައި ދެ މީހެއްގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ބޯފަޅާލި މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ދެ މީހެއްގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި މީހަކު ބޯފަޅާލި ކަމުގެ ރިޕޯޓެއް އެ ފަރާތަށް އިއްޔެ ހަވީރު ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ އިރު، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ގަން ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރު އަބުދުލް ހަންނާނު މިއަދު ސަން އަށް ވިދާޅުވީ، ހަމަނުޖެހުމުގައި އަނިޔާވި މީހާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ. ނަމަވެސް ސީޓީ ސުކޭން އަކާ އެކު އިތުރު ޓެސްޓުތަކެއް ހެދުމަށް މިއަދު މާލެ ފޮނުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
"އޭނާގެ ހާލު ސީރިއަސް އެއް ނޫން. ހިނގާ ވެސް އުޅުނު. އެކަމަކު ސިކުނޑިއަށް ލޭ އެޅިފައި ހުރިތޯ ބެލުމަށް ފެންނާތީވެ ސީޓީ ސްކޭންއެއް ހެދުމަށް މާލެ ފޮނުވާލީ. ބެލެވޭ ގޮތުގައި އެ ކުއްޖާއަށް [ހަމަލާ] ދީފައި ވަނީ ދަގަނޑު ބުރި އަކުން،" ޑިރެކްޓަރު އަބުދުލް ހަންނާނު ވިދާޅުވި އެވެ.
އިތުރު ފަރުވާ އަށް މާލެ ފޮނުވާލި ޒުވާނަކީ 23 އަހަރުގެ ފިރިހެނެކެވެ.