07 Aug 2011, 21:59
ރޯދަ އަށް ހާއްސަ ކޮށްގެން މިފްކޯ އިން އަގު ހެޔޮކޮށް ރޯމަސް ވިއްކަން ހުޅަނގު ހާބަރުގައި ފިހާރައެއް ހުޅުވިތާ ތިން ދުވަސް ނުވަނީސް، މަސް ވިއްކުން މުޅިން ކޮންޓްރޯލްކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލާ ގުޅިގެން ދެކުނު ހާބަރު ސަރަހައްދުގައި މިފްކޯ އިން ހުޅުވި ވަގުތީ މަސް ފިހާރަ އިން މިއަދު މީހަކަށް ވިއްކީ މަހެކެވެ.
އެ ކުންފުނީގެ އޮފިޝަލަކު މިރޭ ވިދާޅުވީ މީހަކަށް މަހެއް ވިއްކާ ގޮތަށް މަސްވިއްކުން ކޮންޓްރޯލް ކުރަންޖެހުނީ ބައެއް ވިޔަފާރިވެރިން އެ މާރުކޭޓުން ގަނޑުކޮށް މަސްގަންނަން ފެށުމުން އެ ފުރުސަތު ބަންދުކުރުމަށް ކަމަށާއި އެކުންފުނިން ހެޔޮ އަގުގައި މަސްވިއްކަން ފެއްޓީ އާންމު ފަރުދުންނަށް ހެޔޮ އަގުގައި މަސް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
"ބޮޑަތި ރެސްޓޯރެންޓް ހޮޓާ އަދި އެހެންވެސް ބައެއް ވިޔަފާރިވެރިން ވެސް މިކޮޅުން ގަނޑުކޮށް މަސްބައްލަވައިގަންނަކަން ފާހަގަވެފައި އޮތީ. އެހެންވެ އެކަން ހުއްޓުވުން އަޅުގަނޑުމެންގެ މަގުސަދަކީ. އަގުހެޔޮކޮށް މަސް މި ވިއްކަނީ ހެޔޮ އަގުގައި އާންމު ފަރުދުންނަށް މި ތަކެތި ފޯރުކޮށްދިނުމަށް. އެ ނޫން ގޮތަކަށް އެކަން ދަންޏާ އެކަމަށް ގޮތްތަކެއް ހޯދަން ޖެހޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
މާރުކޭޓުގައި މަހުގެ އަގު 100ރ. އާއި 150ރ. އަށް ހުރި އިރު ސާފުނުކުރާ ރޯމަސް ކިލޯއެއް މިފްކޯ އިން ވިއްކަނީ 40ރ. އަށެވެ. އަދި ސާފު ކޮށްފައި ހުންނަ މަސް ކިލޯއެއް މިފްކޯ އިން ވިއްކަނީ 70ރ. އަށެވެ.
މިފްކޯގެ މާރުކޭޓުގައި ވިއްކަނީ ފިނިކޮށްފައި ހުންނަ މަސް ޕެކެޓްކޮށްގެންނާއި ޕެކެޓުގައި ބަންދު ނުކޮށެވެ. އެ ކުންފުނިން މަސްވިއްކަން ފެށީ މަސްވެރިކަން ހީނަރުވެ މަހުގެ އަގު ބޮޑުތަނުން އުފުލުމުންނެވެ.
މަހަށް ވެސް ކޮންޓްރޯލް ކަނޑައެޅި އިރު އެސްޓީއޯ އިން ރޯދައަށް ހާއްސަކޮށްގެން ގެނައި ފިޔާ، ބިސް އަދި އަލުވިވެސް ވިއްކަނީ ކޮންޓްރޯލްކޮށްގެންނެވެ.
ކުރީގެ ޗަމްޕާ މާރުކޭޓް ހުރި ތަނުގައި މާލޭ ސިޓީގެ އެދުމަކަށް މިފްކޯ އިން މަސް ފިހާރައެއް ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.