ރާއްޖޭގައި މިހާރު ހިންގަމުންދާ އުމްރާނީ ބިޔަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އޭގެ ފައިދާ ކުރާނެ ކަމަށާއި އެ އަސަރުތައް ފެންނާނީ ގިނަ ދުވަހުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފް އިން މި އަހަރުގެ ތެރޭ ރާއްޖެ އަށް ކުރި ޒިޔާރަތުގައި ފާހަގަވި ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންހަމުން އަންނަ ކަމަށާއި އެ މަޝްރޫއުތަކުގެ ސަބަބުން އިގްތިސާދަށް ރަނގަޅު އަސަރެއް މުސްތަގުބަލުގައި ކުރާނެ ކަމަށެވެ.

އެއާޕޯޓުގެ މަޝްރޫއު އާއި ބުރިޖްގެ މަޝްރޫއު އަދި ސާފު ބޯފެނާއި ރަނގަޅު ނަރުދަމާ ނިޒާމު ގާއިމު ކުުރުމަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެ އަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މި މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ވެސް ހެޔޮބަދަލެއް އަންނާނެ ކަމަށް އައިއެމްއެފް އިން ލަފާކޮށްފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގައި އިމާރާތް ކުރުމުގެ ދާއިރާ އަށް އައިސްފައިވާ ކުރިއެރުން ވެސް އެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް މަޝްރޫއުތައް ހިންގުމަށް ނަގާފައިވާ ލޯނުތަކުގެ ސަބަބުން ސަރުކާރުގެ ދަރަނި ބޮޑުވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އޭގެ ސަބަބުން ބޭރު ފައިސާގެ ރިޒާވަށް އަސަރު ކުރާ ކަމަށާއި ޖީޑީޕީގެ ނިސްބަތުން ވެސް ދަރަނި ވަނީ 11.5 ޕަސެންޓް އިތުރުވެފައި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އައިއެމްއެފްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި 2016 ވަނަ އަހަރުގެ ޖީޑީޕީ، 2015 ވަނަ އަހަރާ އަޅާބަލާ އިރު ވަނީ އިތުރުވެފަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ރިއަލް ޖީޑީޕީ ހުރީ 3.3 ޕަސެންޓްގައި ކަމަށާއި 2016 ވަނަ އަހަރު 3.9 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިންފްލޭޝަން ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

މިވަގުތު ރާއްޖޭގެ އިގްތިސާދު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި ޓުއަރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ސަބަބުން އޭގެ ފައިދާ އިގްތިސާދަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އައިއެމްއެފްގެ ރިޕޯޓުގައިވެ އެވެ. އަދި ސަރުކާރުގެ އާމްދަނީ އަށް ވުރެ ހަރަދުތައް ބޮޑުކަމަށާއި ބޭރުގެ ދަރަނިތައް ކުޑަކުރަން ޖެހޭ ކަމަށް އައިއެމްއެފް އިން ވަނީ ލަފާ ދީފަ އެވެ.

އުމްރާނީ ބޮޑެތި މަޝްރޫއުތަކުގެ ސީދާ ހެޔޮ އަސަރު ފެންނާނީ ލޯންގް ރަންގައި ކަން ފާހަގަކޮށް ބުނެފައި ވަނީ އުމްރާނީ ތަރައްގީއަށް ލޯނު ނެގި ނަމަވެސް ދަރަނި ކުޑަކުރަން އިސްކަން ދޭންޖެހޭ ކަމަށެވެ.