03 Dec 2017, 12:31
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފަރާތުން މުޖްތަމައު އިން ނާޖާއިޒު ފައިދާ ނަގާ ކަމަށް ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ އެ މީހުންގެ ކަންތައްތައް ބެއްލެވުމަކީ ސަރުކާރުން ވަރަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ބަލަމުން އަންނަ ކަމެއް ކަމަށެވެ.
"މިކަހަލަ މީހުންނަކީ މުޖުތަމައުގައި އެކަހެރި ކުރަންވީ ބައެއް ނޫން. މި ފަދަ މީހުންނަކީ ވެސް ވަރަށް ހުނަރުވެރި ބައެއް. ނަމަވެސް ހިތާމައަކީ މި ފަދަ މީހުންނަށް މި ކުޑަ މުޖުތަމައު އިން ނާޖާއިޒް ފައިދާ ނަގާތީ. އަނިޔާ އާއި އިހްމާލްގެ މައްސަލަތައް އާންމު. މިކަންތައްތައް ހައްލު ކުރުމަށް ކުރިއަށް ވުރެ ގިނަ ކަންތައްތަކެއް ކޮށް އެކަން ހައްލު ކުރުމަށް ހާއްސަ އަހައްމިއްޔަތެއް ދޭން ޖެހޭ،" ޒެނީޝާ ވިދާޅުވި އެވެ.
ޒެނީޝާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމަށް 350 އަށް ވުރެ ގިނަ ޓީޗަރުން އެކަމަށް ތަމްރީނުކޮށްފައިވާ ކަމަށާއި ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރައްވާ ސޯޝަލް މަސައްކަތްތެރިންނާއި ފުލުހުންގެ އިންވެސްޓިގޭޓަރުންނަށް އަމާޒުކޮށްގެން 'ސައިން ލޭންގުއޭޖް' ކޯހެއް ހިންގާފައިވާ ކަމަށެވެ. އެ ކޯހުގައި ވެސް 70 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމައުގައި ހަމަހަމަ ކަން ލިބެން ޖެހޭ ބައެއް ކަމަށާއި އެމީހުންނަކީ އިގްތިސާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުން ކަމަށް ޒެނީޝާ ވިދާޅުވި އެވެ.
ޒެނީޝާ ވިދާޅުވީ މި ސަރުކާރުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ސަރުކާރު ކުންފުނިތަކުން 270 ވަޒީފާ ހޯދަދީފައިވާ ކަމަށެވެ.