ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯއާ ބައްދަލުކުރި މެޗު އެއްވަރުވެ، ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާގެ ލީޑު ކުޑަކުރަން ރެއާލް މެޑްރިޑަށް ލިބުނު ފުރުސަތު އެ ޓީމުން ގެއްލުވާލައިފިއެވެ.

ބިލްބާއޯގެ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ 0-0ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި ނަތީޖާއައެކު ރެއާލް މިހާރު އޮތީ 28 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. ލީގުގެ ތިންވަނައިގައި 30 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑް އޮތްއިރު، އެއް މެޗު މަދުން ކުޅެ 31 ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ވެލެންސިޔާއެވެ. އަދި ލީގުގެ އެއްވަނަ 36 ޕޮއިންޓާ ލިބެނީ ބާސާ އަށެވެ.

އެ މެޗުގައި ލަނޑެއް ފެނިގެންގޮސްފައި ނުވި ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރެއާލަށް ވަނީ ލިބިފައިވެއެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ބިލްބާއޯގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުރެ ކަރިން ބެންޒެމާ ފޮނުވާލި ހަމަލާއެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މީގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޓޯނީ ކްރޫސް ފޮނުވާލި ދެ ހަމަލާއެއް ދިޔައީ ބިލްބާއޯގެ ގޯލުގެ ކުޑަ ތަންކޮޅެއް ބޭރުންނެވެ. މީގެ އިތުރުން މެޗުގެ 86 ވަނަ މިނެޓްގައި ބިލްބާއޯގެ އަރިޓްސް އަޑޫރީޒް އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ރަތްކާޑު ދައްކާފައެވެ. މިއީ ސްޕެނިޝް ލީގުގައި ރާމޯސް އަށް ދެއްކި 19 ވަނަ ރަތްކާޑުކަން ފާހަގަކޮށްލެވެއެވެ.