ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ޝާއިޢުކުރާ މަޖައްލާއެއް ކަމަށްވާ ހޮޓެލިއަރ މޯލްޑިވްސް، މަހަކު އެއް ފަހަރު ނެރޭ މަޖައްލާއެއްގެ ގޮތުގައި އަލުން އިފްތިތާހުކޮށްފިއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މަހަކު އެއް ފަހަރު ހޮޓެލިއަރ މޯލްޑިވްސް މަޖައްލާ ޝާއިޢުކުރުމަށް ޕަރސްޕެކްޓިވްއިން ނިންމައި އަލުން އިފްތިތާހު ކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު، ޕަރސްޕެކްޓިވްގެ އެޑްވަޓަރިޒަރުންނާއި ޕާޓްނަރުންނާއިއެކު ސިޓީ ގާޑްން ރެސްޓޯރެންޓްގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ.

ހޮޓެލިއަރ މޯލްޑިވްސް މަޖައްލާ މީގެ ކުރިން ޝާއިޢުކުރަމުން ގޮސްފައިވަނީ ކޮންމެ ދެމަހަކުން އެއް ފަހަރު ނެރޭ މަޖައްލާއެއްގެ ގޮތުގައެވެ.

ހޮޓެލިއާ މޯލްޑީވްސްއިން ބުނީ 2014 ވަނަ އަހަރު ހޮޓެލިއާ މޯލްޑިވްސް މަޖައްލާ އިފްތިތާހުކުރި ފަހުން މިހާތަނަށް 24 މަޖައްލާ ޝާއިޢުކޮށްފައި ވާކަމަށެވެ. އަދި އެ މަޖައްލާތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތަކެއް ކިޔުންތެރިންނާ ހިއްސާކޮށްފައިވާއިރު، އޭ ގެ ތެރޭގައި 700 އަށްވުރެ ގިނަ އިޝްތިހާރާއި، 200 އަށްވުރެ ގިނަ ޕްރޮޑަކްޓް ރިވިއުއާއި، 24 ޖެނެރަލް މެނޭޖަރެއްގެ އިންޓަވިއުއާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 120 އަށްވުރެ ގިނަ ފަރާތުގެ ޚާއްޞަ އިންޓަވިއުއާއި، ޚަބަރާއި މަޢުލޫމާތު ހިމެނޭ 700 އަށްވުރެ ގިނަ ލިޔުން ހިމެނޭނެ ކަމަށް ހޮޓެލިއާއިން ބުންޏެވެ.

"ހޮޓެލިއަރ މޯލްޑިވްސް މަޖައްލާ މަހަކު އެއް ފަހަރު ނެރޭ މަޖައްލާއެއްގެ ގޮތުގައި އިފްތިތާހު ކުރުމުން، މި އަދަދުތައް ދެ ގުނައަށް އިތުރުވެގެންދާނެ،" ޕަރސްޕެކްޓިވް ލިމިޓެޑްގެ ހެޑް އޮފް އޮޕަރޭޝަންސް އައިމިނަތު ޢަލީ ވިދާޅުވިއެވެ.

ހޮޓެލިއަރ މޯލްޑިވްސްއަކީ ސަރކިއުލޭޝަން އޯޑިޓް ކުރެވިގެން ރާއްޖޭގައި ޝާއިޢުކުރާ ހަމައެކަނި މަޖައްލާއެވެ. މި މަޖައްލާގެ ކިޔުންތެރިންގެ ތެރޭގައި ހިމެނެނީ ރިސޯޓް ހޮޓާތަކުގެ އިސް ފަރާތްތަކާއި ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިކަމާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުގައި ޝާމިލްވާ ފަރާތްތަކާއި، ރިސޯޓް ހޮޓާ ތަރައްޤީ ކުރާފަރާތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި މުދަލާއި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކެވެ.