ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަކަމާއެކު ވީހާވެސް ގާތުން ސިއްޙީ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަންޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

މިއަދު ފާހަގަކުރާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅުވައިގެން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

ހާޢްސަކޮށް އަތޮޅު ތެރޭގައި ދިރިއުޅޭ މިފަދަ މީހުންނަށް އެކަށީގެންވާ ސިއްޙީ ފަރުވާ ނުލިބުމާއި، އެފަދަ ފަރާތްތައް ޤަވާޢިދުން ބޭނުން ކުރަން ޖެހޭ ބައެއް މުހިންމު ބޭސް ރަށްރަށުން ލިބެން ނުހުންނަކަމަށް ބުނެ މައްސަލަތައް ހުށަހެޅޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޑޮކްޓަރަށް ދެއްކުމުގައާއި ބޭސް ހޯދުމުގައި ދަތިތައް ދިމާވާކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ބުނީ މިކަމުގެ ސަބަބުން އެ ފަރާތްތަކަށް ސިއްޙީ ފަރުވާ ހޯދުމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންގެ އާއިލާގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން އެކަށީގެންވާ ރައްކާތެރިކަން ނުލިބޭކަމަށް ބުނެވެސް މައްސަލަތައް ހުށަހެޅޭ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.

ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ނަފްސާނީ ނުކުޅެދުންތެރިކަން ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ނަފްސާނީ ބަލީގެ ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމާއި ބޭސް ހޯދުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސަން ޖެހޭކަން އެ ކޮމިޝަނުން ފާހަގަ ކުރެއެވެ.

އެޗްއާރްސީއެމް އިން ބުނީ ނުުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި، ކައުންސިލްތަކުގެ ދައުރު މިހާރަށް ވުރެ ފުޅާ ކުރަން ޖެހޭ ކަމަށެވެ. މިފަދަ ފަރާތްތަކުގެ ހާލު ގަވައިދުން ބެލޭނެ އިންތިޒާމެއް ހަމަޖައްސައި، އެފަރާތްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި މުވައްސަސާތަކާ އެކު މަސައްކަތްކުރުމަށް އެޗްއާރްސީއެމް އިން ވަނީ ކައުންސިލްތަކަށް އިލްތިމާސް ކޮށްފަައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމަޢުގެ ބައެއްގެ ގޮތުގައި ހެދުމަށް ދައުލަތުން މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، 'އެއްވެސް މީހަކު ބާކީ ނުކުރާ ސިޔާސަތު'ގެ ތެރެއިން ޙައްޤުތައް ލިބިގަތުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ނައްތާލުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް މިހާރަށް ވުރެ އިތުރުކުރުމަށްވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ދެނެގަނެ، އެހެން މީހުންނެކޭ އެއްފަދައިން އެފަރާތްތަކަށްވެސް މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވެވޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރަން ޖެހޭ ކަމަށްވެސް އެޗްއާރްސީއެމް އިން ބުނެއެވެ.

ބައިނަލްއަޤްވާމީ ފެންވަރެއްގައި މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލަތާމެދު މުޖުތަމަޢު ހޭލުންތެރިކުރުވައި، އެހެން މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް މުޖުތަމައުގައި ހަރަކާތްތެރިވެ އުޅުމަށް މަގުފަހިކުރުމުގެ ގޮތުން އެފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް ބާރުއެޅުމެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމަޢުގެ ބައެއް ކަމުގައި ދެކި، އެއްވެސް މީހަކު ބާކީ ނުކޮށް، އެންމެންގެ ޝާމިލުވުން ހިމެނޭ ގޮތަށް ޤައުމުގެ ކަންކަން ބައްޓަންކުރުމުގެ މުހިންމުކަން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި 2030 ގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، މި އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ޝިއާރުގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވަނީ؛

“Transformation towards sustainable and resilient society for all”

"އެންމެންގެ ޝާމިލުވުން ހިމެނޭ ދެމެހެއްޓެނިވި އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުން" އެވެ.