03 Dec 2017, 11:25
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، އެ ޓީމުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް ރަތް ކާޑު ދައްކައިފި އެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު އެ މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ލީގުގެ ދެވަނައިގައި ޔުނައިޓެޑް މިހާރު އޮތީ 35 ޕޮއިންޓާއެކުއެވެ. އާސެނަލް އޮތީ 28 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. ލީގުގެ އެއްވަނައިގައި މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެ 40 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ޔުނައިޓެޑުން ވަނީ ލީޑު ނަގައިފައެވެ. ޕޮގްބާ ދިން ޕާހަކުން މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެންޓޯނިއޯ ވެލެންސިއާއެވެ. އަދި އާސެނަލްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެންތޮނީ މާޝިއަލް ދިން ރީތި ޕާހަކުން މެޗުގެ 11 ވަނަ މިނެޓްގައި ޖެސީ ލިންގާޑް ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ.
ޔުނައިޓެޑުން މެޗުގެ ކުރީކޮޅުގައި ދެ ގޯލު ޖެހުމުން އާސެނަލުން މި ހާފުގެ ބާކީ ބައިގައި ކުރިއަށް ޖެހިގެން ގިނަ އެޓޭކުތަކެއް ކުރި އެވެ. އެގޮތުން އާސެނަލުން ފޮނުވާލި ގިނަ ހަމާލަތަކެއް ހުޝިޔާރު ކަމާއެކު މަތަކުރީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އެވެ.
ދެވަނަ ހާފު ފެށިގެން ކުރީކޮޅު އާސެނަލުން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. އާރޮން ރަމްސީ ދިން ޕާހަކުން މި ގޯލު ކާމިޔާބުކޮށްދިނީ އަލެކްޒެންޑާ ލަކަޒެޓްއެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް އާސެނަލްގެ ސަންޗޭޒަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ ޔުނައިޓެޑްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
އާސެނަލުން ރަނގަޅަށް ކުޅެމުންް ދަނިކޮށް ކައުންޓާ އެޓޭކުގައި ޕޮގްބާ ދިން ބޯޅަ އަކުން ޔުނައިޓެޑްގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 63 ވަނަ މިނިޓްގައި ލިންގާޑެވެ. އޭގެ ދިހަ މިނިޓް ފަހުން ޕޮގްބާއަށް ރަތް ކާޑު ދެއްކީ އާސެނަލްގެ ހެކްޓަ ބެލެރިން އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ. މި ރަތް ކާޑުގެ ސަބަބުން އަންނަ ހަފްތާގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ޕޮގްބާއަށް ގެއްލޭނެ އެވެ.