22 May 2010, 15:35
19:00
ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިސްތިއުފާއަށް ގޮވާލާއި އެމަނިކުފާނުގެ ދިރިއުޅުއްވާ ހިލާލީގޭ ކައިރިއަށް ބަޔަކު އެއްވެ މުޒާހަރާކޮށްފި އެވެ.
މި މުޒާހަރާގައި އިސްކޮށް ތިބީ، ޑީއާރުޕީގެ އިސް ބޭފުޅުންގެ ވަފުދަކާ އެކު ނައިބު ރައީސް ހިލާލީގޭގައި މިއަދު ހަވީރު ބައްދަލުވުމެއް ބާއްވަވާކަން އެނގިގެން އެ ގޭދޮށަށްދިޔަ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ހިލާލީގެ ގޭޓުގައި ތަޅައި، ގޭޓު މައްޗަށް ވެސް ވަނީ އަރައިފަ އެވެ. އަދި އެކަން ކޮންޓްރޯލްކުރުމަށް ފުލުހުންގެ ގިނަ ބަޔަކު ވެސް ވަނީ ހިސާބުގައި ހަރަކާތްތެރިވެފަ އެވެ.
ހިލާލީގޭ ކައިރގައި ކުރި މުޒާހަރާ ފުލުހުން ނުހުއްޓުވި ކަމަށް ބުނެ، އެކަން ބަލައިދިނުމަށް ޑީއާރުޕީގެ އިސް ބޭފުޅުން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅުއްވައިފަ އެވެ. އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އެކަން ފުލުހުންނަށް ހުށަހަޅައިފައި ވަނީ ގިނަ އަދަދެއްގެ ބަޔަކު ހިލާލީގެ ސަރަހައްދަށް އެއްވެ އަޑުގަދަކުރަން ފެށުމުން ވެސް އެ ހިސާބު ކޮންޓްރޯލް ކުރުމަށް ފުލުހުން އެކަށީގެންވާ ގޮތަށް މަސައްކަތް ކޮށްފައިނުވާތީ އެކަން ބަލައިދިނުމަށް އެދި ކަމަށެވެ.