ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށް އުފައްދާ ފިލްމް 'ޕަދްމާވަތީ' އިންޑިއާގައި ރިލީޒްކުރުން ވަކި މުއްދަތެއް ނެތި ފަސްކުރުމާ ގުޅިގެން ފިލްމުގައި އިސްރޯލެއް އަދާ ކުރާ ރަންވީރު ސިންހް އާ ފިލްމެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ބުނެފި އެވެ.

"އީސްޓާންއައި" އަށް ދިން އިންޓަވިއުއެއްގައި ރަންވީރު ބުނީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ޑައިރެކްޓަރު ޒޯޔާ އަހްތަރުގެ "ގަލީ ބޯއި"ގެ މަސައްކަތް ކަމަށެވެ.

"ގަލީ ބޯއީ"ގައި ރަންވީރު އާ އެއްކޮށް މަސައްކަތް ކުރާނީ ކުރިއަރަމުން އަންނަ ހުނަރުވެރި ބަތަލާ އާލިއާ ބަޓް އެވެ. މިއީ އެ ދެތަރިން ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރު ވެސް މެ އެވެ.

މިހާރު ކުރިއަށް ދަނީ ފިލްމްގެ ލަވަތަކުގެ ރެކޯޑިންގް ކަމަށާއި ލަވަތަކުގެ ރިކޯޑިންގެ ނިންމުމަށް ފަހު ފިލްމްގެ ޝޫޓިންގް އަންނަ ޖަނަވަރީގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރު ބުންޏެވެ.

ފިލްމް "ޕަދްމާވަތީ" ރިލީޒްކުރުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމާ ގުޅިގެން ދީޕިކާއި ޕަދުކޯން ވެސް ވަނީ އާ ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ.