03 Dec 2017, 00:44
އެފްއޭ ކަޕް ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބު އަތުން ބަލިވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އޭއެފްސީ ކަޕުގެ ޖާގަ ގެއްލިއްޖެ އެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު ސެމީ ފައިނަލް މެޗު ޓީސީން ކާމިޔާބުކުރީ 0-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުން ބަލިވުމުން 2013 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭއެފްސީ ކަޕުގައި ވާދަކުރަމުންދިޔަ މާޒިޔާއަށް ވަނީ އަންނަ އަހަރުގެ މުބާރާތުން ޖާގަ ގެއްލިފަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި ޓީސީއަށް ކުޅޭ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށާއި ނާއިޒް ހަސަން(ދާދު) އަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެ އެވެ.
މާޒިޔާ އިން ވަނީ ދެ ވަަނަ ހާފުގައި ރަނގަޅަށް ކުޅެ ޓީސީ ހާފު ތެރޭގައި ބޯޅަ ހިފަހައްޓައިގެން ނުރައްކާކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް މެޗުގެ 68 ވަނަ މިނެޓުގައި ފޭދޫ އިއްބެ ވަނީ ޓީސީއަށް ލީޑު ނަގައިދީފަ އެވެ. ސްޓެވާޓް ކޯނެލިއަސް ނަގައިދިން ހުރަސް އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ފޭދޫ އިއްބެ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ޓީސީގެ ލަނޑަށް ފަހު މާޒިޔާ އިން ނަތީޖާ އެއްވަރުކުރުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް މެެޗުގެ 78 ވަނަ މިނިޓުގައި ދާދު ވަނީ ލަނޑެއް ޖަހައި ޓީސީއަށް ލީޑު ފުޅާކޮށްދީފަ އެވެ.
ޓީސީން މެޗު ނިންމާލީ ދިހަ ކުޅުންތެރިންނާ އެކު އެވެ. މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ޓީސީގެ މުހައްމަދު މާޒިންއަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
ސެމީގެ ދެ ވަނަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. މާދަމާގެ މެޗުން ނިއު ރޭޑިއަންޓް މޮޅުވެއްޖެ ނަމަ، ޓީސީއަށް އޭއެފްސީ ކަޕްގެ ޖާގައެއް ޔަގީން ވާނެ އެވެ.