02 Dec 2017, 23:00
ސްޕެނިޝް ލަލީގާގައި މިއަދު ސެލްޓަ ވީގޯ އިން ބާސެލޯނާ މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.
ބާސާ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މިއީ ލީގުގައި ބާސާ ޖެހިޖެހިގެން އެއްވަރުވި ދެ ވަނަ މެޗުކަން ފާހަގަކޮށްލެވެ އެވެ. ލީގުގައި އެންމެ ފަހުން ބާސާ ކުޅުނު ލީގު މެޗުން އެއްވަރުވީ ވެލެންސިއާ އަތުން 1-1 ލަނޑުގެ ނަތީޖާ އަކުންނެވެ.
މި މެޗުން އެއްވަރުވުމުން ލީގުގެ އެއް ވަނައިގައި ބާސާ މިހާރު އޮތީ 36 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެ ވަނައިގައި ބާސާއަށް ވުރެ އެއް މެޗު މަދުން ކުޅެ 31 ޕޮއިންޓާ އެކު ވެލެންސިއާ އޮތް އިރު، ތިން ވަނައިގައި 27 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ.
މި މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސެލްޓާ އިންނެވެ. މި ގޯލު މެޗުގެ 20 ވަނަ މިނެޓުގައި ސެލްޓާއަށް ކާމިޔާބުކޮށްދިނީ އިއާގޯ އަސްޕާސް އެވެ. ނަމަވެސް އޭނާ ލަނޑު ޖެހިތާ މާ ގިނަ އިރުތަކެއް ނުވަނީސް ލިއޮނަލް މެސީ ވަނީ ބާސާއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ދެ ވަނަ ހާފު ރަނގަޅަށް ފެށީ ބާސާ އިންނެވެ. ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކުރަމުންދިޔަ ބާސާއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގެ 62 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް އެވެ.
ލީޑު ނެގުމަށްފަހު ބާސާ އިން ރަނގަޅަށް ކުޅެމުން ދަނިކޮށް ސެލްޓާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި އަސްޕަސް ދިން ޕާހަކުން މެޗުގެ 70 ވަނަ މިނެޓުގައި މެކްސިމިލިއާނޯ ގޮމޭޒް ވަނީ ސެލްޓާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.