02 Dec 2017, 21:17
އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ޗެލްސީން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފި އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ޗެލްސީން ކާމިޔާބުކުރީ 1-3 ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ޗެލްސީ ވަނީ ތާވަލުގެ ދެ ވަނައިގައި އޮތް މެންޗެސްޓަ ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ދެ ޓީމަށް ވެސް 32 ޕޮއިންޓު ލިބޭ އިރު، ޔުނައިޓެޑަށް ދެ ވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނިއުކާސަލް އިންނެވެ. ޗެލްސީގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މި ގޯލު ނިއުކާސަލް އަށް މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑުވައިޓް ގޭލް އެވެ. ނިއުކާސަލްގެ ލަނޑަށް ފަހު ޗެލްސީން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 21 ވަނަ މިނެޓުގައި އެޑެން ހަޒާޑް ވަނީ ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓަ މޯސެސް ނަގައިދިން ހުރަހަކުން އަލްވަރޯ މޮރާޓާ ވަނީ ޗެލްސީއަށް މެޗުގެ ލީޑު ނަގައިދީފަ އެވެ. މިއީ ލީގުގައި މޮރާޓާ ކާމިޔާބުކުރި ނުވަ ލަނޑެވެ.
ދެ ވަނަ ހާފުގައި ޗެލްސީން ދިޔައީ އިތުރު ލަނޑެއް ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީ އަކުން މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަޒާޑް ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
މި ގޯލަށްފަހު ވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޗެލްސީން ތަނަވަސްކޮށްފައިވާ ކަން ފާހަގަކޮށްލެވެ އެވެ.