އުރީދޫ އިން ރާއްޖޭގެ ދުވުމުގެ މައިދާނަށް މުޅިން އަލަށް ތައާރަފުކުރާ "ކަލާ ރަން" މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފި އެވެ.

ޔުނިކްސް ސްޕޯޓްސްއާ އެކު ކުރިއަށްގެންދާ ކަލާ ރަން މީގެ ކުރިން ތާވަލުކޮށްފައި ވަނީ މާދަމާ ބާއްވާ ގޮތަށެވެ.

އުރީދޫ އިން ބުނީ، ދެން އެ ދުވުން ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށާއި ދުވުން ފަހުން ބާއްވަން ތަވާލު ކުރި ނަމަވެސް، އުރީދޫ އިން މަސައްކަތް ކުރާނީ ކުރިން ބާއްވަން ގަސްތުކުރި ވަރަށްވުރެ ކުލަގަދަކޮށް ރަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ތަފާތު ހަރަކާތްތަކެއް ހިމެނޭނެ ގޮތަށް އުރީދޫއިން ބާއްވަން ނިންމާފައިވާ އެ އިވެންޓަކީ ރާއްޖެ އަށް މުޅިން އާ އިވެންޓެއް ނަމަވެސް އެއީ ދުނިޔޭގެ އެކި ހިސާބުތަކުގައި މަގުބޫލުކަން ހޯދާފައިވާ ދުވުމުގެ އިވެންޓެކެވެ. އަދި އެ އިވެންޓަށް ރާއްޖޭގެ ގިނަ ދުވުންތެރިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އުރީދޫ ކަލާ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނުވަތަ ނަށަމުން ވެސް ދުވުން ނިންމިދާނެ އެވެ.