އިންޑިއާގެ ޓީވީ ސީރީޒްތަކުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އާޝްކާ ގޮރާޑިއާ މިމަހުގެ އެއް ވަނަ ދުވަހު ކައިވެނިކޮށްފި އެވެ.

ދެހާހުގެ ކުރީކޮޅު ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދި ސީރީޒް ކުސުމްގައި ކުމުދްގެ ރޯލުން ފެނިގެންދިޔަ އާޝްކާ ކައިވެނިކޮށްފައި ވަނީ އެމެރިކާގެ ލޯބިވެރިޔާ ބްރެންޓް ގޯބްލްއާ އެވެ.

އާޝްކާގެ ކައިވެނި ކޮށްފައި ވަނީ ބްރެންޓްގެ އާއިލީ ސަގާފަތާ އެއްގޮތަށް ކްރިސްޓިއަން ޗާޗެއްގައެވެ. މިމަހުގެ ތިން ވަނަ ދުވަހު "އިންޑިއަން ސްޓައިލް ވެޑިން"އެއް ވެސް ބާއްވާނެ ކަމަށް އާޝްކާ ވަނީ ބުނެފައެވެ.

އާޝްކާ ވަނީ އޭނާގެ ކައިވެނީގެ ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ހުދު ކުލައިގެ ވެޑިން ޑްރެސް އެއްގައި އަޝްކާ ހުރި އިރު އޭނާގެ ފިރިމީހާ ހުރީ ގަދަ ނޫ ކުލައިގެ ސޫޓެއްގައެވެ.

އާޝްކާގެ ކައިވެނި ބާއްވާފައި ވަނީ އޭނާގެ އުފަން ސިޓީ، އަހުމަދު އާބާދުގައެވެ. އިންޑިއަން ސްޓައިލަށް ކައިވެނީގެ ހަފްލާއެއް ބާއްވަނީ ފިރިމީހާ ބްރެންޓް ބޭނުންވާތީ ކަމަށް އާޝްކާ ބުންޏެވެ.

އާޝްކާގެ ކައވެނި ހަފްލާގައި އޭނާއާ އެކު ޓީވީ ސީރީޒްތަކުން ފެނުނު ބައެއް ތަރިން ބައިވެރިވެފައިވެ އެވެ.