07 Aug 2011, 16:33
ސަރުކާރު ހިންގާ ޕާޓީ )އެމްޑީޕީ(ގެ ކުރީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، އަދި މިހާރު އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ދިވެހި ރާއްޖޭގެ އަދުލުއިންސާފު ގާއިމުކުރުމުގެ ދާއިރާގެ އަގުވައްޓާލި ކަމަށް ބުނެ، އޭނާ ދެއްކެވި ވާހަކަފުޅު ތަހުގީގު ކުރުމަށް އެދި ސުޕްރީމް ކޯޓުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ބަލަން ފޮނުވި މައްސަލަ ލަސްވާތީ އެ މައްސަލަ އަވަސް ކުރުމަށް ލޭބާ ޕާޓީން ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދައީރާގެ މެންބަރު އަހުމަދު ސަލީމް އިސްވެ ހުންނަވާ ލޭބާ ޕާޓީން މިއަދު ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ރީކޯ މޫސާގެ މައްސަލަ ބެލުމަށް ޕީޖީ އަށް ސުޕްރީމް ކޯޓުން މައްސަލަ ފޮނުއްވާފައި ވަނީ މިދިޔަ މޭ މަހު 26 ގައި ކަމަށާއި ފުލުހުން އެ ތަހުގީގު ހިންގުމަށް އިހުމާލުވާ ނަމަ ޕީޖީ އެ ތަހުގީގު ހިންގުމަކީ ގައުމަށް ޓަކައި ޕީޖީ ކުރައްވަން ޖެހޭނެ ކަމެއް ކަމަށެވެ.
ލޭބާ ޕާޓީގެ ސިޓީގައި ބުނެފައި ވަނީ، އެންމެ ފަހު ބަސް ބުނުމުގެ ބާރު ލިބިފައިވާ ރާއްޖޭގެ އެންމެ މަތީ ކޯޓްތަކުން އެމައްސަލަ ބަލައިދިނުމަށް އެދުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާގެ އެންމެ މަތީން އައި އަމުރު ތަންފީޒު ކުރުމަށް ވެސް ލޭބާ ޕާޓީން ޕީޖީ އަށް ގޮވާލައިފައިވެ އެވެ.
"މަނިކުފާނަށް ވެސް އޮޅުމެއްނެތި އެނގިވަޑައިގަންނަވާނޭ ފަދައިން، ރައްޔިތުންގެ ކޯޓްގެ ނަމުގައި އަމިއްލަ ކޯޓެއް އުފައްދައިފިކަން [މޫސާ] އިއުލާންކޮށް، އެ އުފެއްދި ކޯޓުގެ ނަމުގައި ޝަރީއަތްތައް ވެސް ހިންގަން ފެށި... ނުވިތާކަށް ކޯޓްތަކުގައި ތަޅުއަޅުވާނެ ކަމަށް އިންޒާރުދީ، މަޖިލީހުގެ މެޖޯރެޓީ ހޯދާގެން ފަޑިޔާރުންގެ މައްޗަށް ވެސް ނުފޫޒު ފޯރުވާނެކަމަށް ބުނި،" ލޭބާ ޕާޓީން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ރީކޯ މޫސާ މަނިކު ހިންގާފައިވާ އަމަލުތަކެއް ފުލުހުން ތަހުގީގުކުރަން ތިން ހަތަރު މަސް ނާގާނެ ކަމަށް ބުއްދި ގަބޫލް ނުކުރެވޭ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެ މައްސަލައާ ގުޅޭ ގޮތުން މޫސާ ފުލުހުންގެ އެއްވެސް އިދާރާއަކަށް ހާޒިރުކޮށްފައި ނުވާ އިރު، މައްސަލައާ ގުޅޭ ގޮތުން އެއްވެސް ވީޑިއޯއެއް އަދި ހެކިބަހެއް ވެސް ފުލުހުންނަށް ހޯދާފައި ނުވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
ލޭބާ ޕާޓީގެ ސިޓީގައި ބުނެފައި ވަނީ ދިވެހި ފުލުހުންގެ އިދާރާ ވެސް ވަނީ ގާނޫނު އަސާސީގެ ސިޔާދަތާއި ރާއްޖޭގެ ޖުޑިޝަރީގެ ކަރާމަތަށް ޓަކައި މަސައްކަތް ކުރެވޭ ވަރަށް ވުރެ ވެސް ބޮޑަށް ރީކޯ މޫސާގެ ނުފޫޒުގެ ދަށުގައި ކަމަށެވެ.
ލޭބާ ޕާޓީން ފޮނުވި ސިޓީއާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާ ގުޅުމުން މިއަދު ވިދާޅުވީ، އެސިޓީ އަދި އެމަނިކުފާނަށް ލިބިވަޑައި ނުގަންނަވާ ކަމަށެވެ.