03 Dec 2017, 08:51
ސޮނާކްޝީ ސިންހާ އާ އެކު އާ ޕްރޮޖެކްޓެއް ފަށަން ތައްޔާރުވެފައިވާ ކަމަށާއި އެ ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު ކުރިއަށް އޮތް ދެ ހަފްތާ ތެރޭ އިއުލާނު ކުރާނެ ކަމަށް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފި އެވެ.
ކަރަންއާ އެކު ސޮނާކްޝީ އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ "އިއްތިފާގު" ގައެވެ.
ކަރަން ބުނީ، ސޮނާކްޝީއާ އެކު އިއްތިފާގުގައި މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވި ކަމަށެވެ. އަދި ފިލްމު ނުހިނގުމަކީ "އިއްތިފާގެއް" ނޫން ކަމަށާއި އަލުން އާ ޕްރޮޖެއްޓެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ފިލްމާ ބެހޭ އިތުރު ތަފްސީލު ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ހާމަ ކުރާނެ ކަމަށް އޭނާ ބުންޏެވެ.
ކަރަން ދެން އެންމެ އަވަހަށް ފަށާނީ އަޔާން މުކަރްޖީގެ ފިލްމު "ބްރަމަސްތުރާ" ގެ މަސައްކަތެވެ. އެ ފިލްމުގެ ޕްރޮޑިއުސަރަކީ ކަރަން އެވެ. މި ފިލްމުން އާލިޔާ ބަޓް، ރަންބީރު ކަޕޫރު އަދި އަމީތާބު ބަޗަން ފެނިގެންދާނެ އެވެ. ފިލްމުގެ މަސައްކަތް ފަށާނީ އަންނަ ފެބްރުއަރީ ނޫނީ މާޗްގައެވެ. އަންނަ އަހަރު މި ފިލްމު ރިލީޒްކުރާނެ ކަމަށާއި، ފިލްމުގެ ސީކުއެލްއެއް އަހަރަކު އެއްފަހަރު ފެންނާނެ ކަމަށް ކަރަން ބުންޏެވެ.