02 Dec 2017, 18:35
ޗައިނާއާ އެކު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ވުރެން ބޮޑަށް ފައިދާ ވެގެންދާނީ ޗައިނާއަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަޝީދު ޔޫޓިއުބް މެދުވެރިކޮށް ނެރުނު އޯޑިއޯއެއްގައި ބުނެފައި ވަނީ، ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން މުދާ އެތެރެކޮށް ބޭރުކުރާނީ އެ ގައުމެއްގެ ސަރުކާރަށް އެއްވެސް ޓެކްސްއެއް ދެއްކުމަކާ ނުލާ ކަމަށާއި އެކަމުގެ ސަބަބުން އެހެން ގައުމުތަކުގެ މުދާ ބާޒާރުން މަދުވާނެ ކަމަށެވެ.
އެ ވިސްނުމަށް ރިޔާއަތްކޮށް ނަޝީދު ވިދާޅުވީ، ޗައިނާ އިން ރާއްޖެއަށް އެތެރެކުރާ މުދަލުން ޓެކްސް ނުނަގާނެ ކަމަށާއި އެހެން ކަމުން ރާއްޖޭގެ ބާޒާރުގައި ޗައިނާ މުދާ ގިނަވެ އަގުވެސް ހެޔޮވާނެ ކަމަށެވެ. އަދި ވިޔަފާރީގެ ހަމަތަކަށް ބަލާއިރު މުދާ އަގުހެޔޮވީމަ އެހެން ގައުމުތަކުގެ މުދާ ރާއްޖޭގައި ވިކޭވަރު މަދު ވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ޗައިނާ ވިޔަފާރިވެރިންނަށް ރާއްޖޭގައި މުދާ ވިއްކޭ މިންވަރު ގިނަ ވާނެ. އެމީހުނަށް ފައިދާ ބޮޑުވާނެ. ހާއްސަގޮތެއްގައި ރާއްޖެ އިން ޗައިނާއަށް ތަކެތި ބޭރުކުރާ މިންވަރު އިންތިހާއަށް ކުޑަ. ޗައިނާ ވިޔަފާރިވެރިންނަށް ރާއްޖޭގައި ލިބޭ ފައިދާ ރާއްޖޭ ވިޔަފާރިވެރިންނަށް ޗައިނާއަކު ނުލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ވިޔަފާރިވެރިންނަށް ވުރެން ޗައިނާގެ ވިޔަފާރިވެރިންނަށް ފައިދާ ބޮޑުވެގެން ދަނީ ކޮންމެ އަހަރަކު ވެސް ރާއްޖެ އިން ޗައިނާއަށް ބޭރުކުރާ މުދަލުގެ ނިސްބަތް ޗައިނާ އިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ނިސްބަތަށް ވުރެން ބޮޑުވުމުން ކަން ނަޝީދު ފާހަގަކުރެއްވި އެވެ.
ރާއްޖެ އިން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތައް ކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ، ޗައިނާގެ މާކެޓަށް ވުރެން ރަނގަޅު އަގެއް ޔޫރަޕާއި އޭޝިއާގެ ބައެއް ގައުމުތަކުން ވެސް ލިބެމުންދާ ކަމަށެވެ.
"މި ދަންނަވާ ފަދަ ވިޔަފާރީގެ ހަރަކާތެއް ރާއްޖެއަށް އެއީ ގިނަގުނަ ބައިވަރު ސިނާއީ އުފެއްދުން އުފައްދާ ޗައިނާއަށް ބޭރުކުރުމުގެ އިގްތިސާދީ ހަރަކާތެއް އިގްތިސާދީ ވިސްނުމެއް ގެންގުޅުމަކީ އަދި އެ ވިސްނުމުގެ މައްޗަށް ބިނާކޮށް މި ބާވަތުގެ އެގްރިމެންޓްތައް ހެދުމަކީ، އަޅުގަނޑު ދަންނަވާނީ ވަރަށް ވިޔާނުދާ ކަމެކޭ އަދި ދިވެހިންނަށް އިންތިހާއަށް ގެއްލުންހުރި ކަމެކޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވި ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވެފައި ވަނީ ޗައިނާއާ އެކު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހިންނަށް ކަމަށާއި ހާއްސަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި އެފަދަ އެއްބަސްވުމަކަށް ދާން ޖުހުނީ ރާއްޖެ އިން އެކްސްޕޯޓްކުރާ މަހަށް ބޭރު ދުނިޔެ އިން ޑިއުޓީ ނަގަން ފެށުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.