ރާއްޖެ އާއި ސްރީ ލަންކާ އަދި އިންޑިއާގެ ދެކުނު ހިސާބު ސަރަހައްދުގައި އުފެދުނު ތޫފާން އޯޗީގެ އަސަރު އިންޑިއާގެ މަރުކަޒީ ރަށް މުމްބާއީއަށް ވެސް ކުރާނެ ކަމަށް އެގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފި އެވެ.

އޫޗީގެ މިސްރާބު މިހާރު ހުރީ އިންޑިއާގެ ދެކުނުން އަރަބި ކަނޑުގަ އެވެ. ތޫފާނުގެ ބާރު އަދިވެސް ގަދަވަމުންދާތީ އޭގެ ސަބަބުން އިންޑިއާގެ ދެކުނުން މުމްބާއީއަށް ވެސް އަސަރުކުރާނެ ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހު އެ ސިޓީއަށް ވެސް ގަދަވަޔާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ތޫފާނުގެ މިސްރާބު ހުރި ގޮތް

އެގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ކުރިއަށް އޮތް ދެތިން ދުވަހު އެ ސަރަހައްދުތަކުގެ އައްސޭރި ފަށަށް ދިއުން ރައްކާތެރި ނޫން ކަމަށް ބުނެފަ އެވެ. އެގޮތުން ފަސް މީޓަރަށް ރާޅު ބޮޑުވާނެ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާ ކަމަށް ވެސް އެ އިދާރާ އިން ވަނީ ބުނެފަ އެވެ.

އޫޗީގެ ސަބަބުން އިންޑިއާގެ އެންމެ ދެކުނުން ކެރަލާ ސްޓޭޓަށް އަދި ލަކްޝަދީޕަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު 20 އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އެންމެ ފަހުގެ ރިޕޯޓުތައް ބުނެ އެވެ. މަރުވި މީހުންގެ އާއިލާތަކަށް 10 ލައްކަ ރުޕީސްގެ އެހީއެއް ދިނުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ.