ތޫފާނު އޫޗީގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކަށް މާލީ އެހީ ދިނުމަށް އިންޑިއާގެ ސަރުކާރުން ނިންމައިފި އެވެ.

ސްރީ ލަންކާ ކައިރިން ބުދަ ދުވަހު އުފެދުނު ކޮޅިގަނޑެއް ބުރާސްފަތި ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައި ވަނީ ތޫފާނަކަށް ބަދަލުވެފަ އެވެ. އެ ތޫފާނުގެ އަސަރު އިންޑިއާ އާއި ސްރީ ލަންކާ އަދި ދިވެހިރާއްޖެއަށް ވެސް ދަނީ ކުރަމުންނެވެ. އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ލަންކާ އަދި އިންޑިއާ އަށެވެ.

ތޫފާނުގެ ސަބަނުން އިންޑިއާގެ ދެކުނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ އެތައް ބަޔަކަށް ވަނީ ގެއްލުން ލިބިފަ އެވެ. ތޫފާނުގެ ސަބަބުން ދެކުނު އިންޑިއާ އިން 16 މީހުން މަރުވެފައިވާ ކަމަށް އެންމެ ފަހުގެ ރިޕޯޓުތައް ބުނެ އެވެ. މަރުވި މީހުންގެ އާއިލާތަކަށް 10 ލައްކަ އިންޑިއަން ރުޕީސްގެ އެހީ ދޭނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ އިއުލާނު ކޮށްފަ އެވެ.

އިންޑިއާގެ ދެކުނުން ކެރަލާ ސްޓޭޓުގެ އައްސޭރިފަށުގައި ދިރިއުޅޭ މީހުންނަށް ވިއްސާރައިގެ އަސަރުކޮށްފައިވާ އިރު، އެސަރަހައްދުން މިހާތަނަށް ވަނީ 393 މީހަކު ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭ ހިމެނެނީ ޓްރެވިންޑްރަމް އިން ސަލާމަތް ކުރި 132 މަސްވެރިންނާއި އެ ސްޓޭޓުގެ އެހެނިހެން ސަރަހައްދު ތަކުން ސަލާމަތްކުރި 261 މީހެކެވެ. އަދި ލަކްޝަދީޕް ސަރަހައްދުން ވެސް ވަނީ 138 މަސްވެރިއަކު ސަލާމަތްކޮށްފަ އެވެ.

އިންޑިއާގެ ސަރުކާރުން ވަނީ ވިއްސާރަައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ހާއްސަކޮށްގެން އެކި ސަރަހައްދު ތަކުގައި 29 ރިލީފް ކޭމްޕް ގާއިމްކޮށްފަ އެވެ.

ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އިންޑިއާގެ ބައެއްގެ ގޮތުގައި ހިމެނޭ މަލިކަށެވެ. އެ ސަރަހައްދަށް ވަނީ ރެޑް އެލާޓް ނެރެފަ އެވެ. ތޫފާނު އިންޑިއާ އާއި ދުރަށް ދިޔަ ނަމަވެސް ތޫފާނުގެ ބާރު ގަދަވަމުންދާތީ އޭގެ ސަބަބުން ވައިގަދަވެ ވިއްސާރަ ކުރާނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފައިވެ އެވެ.