މިމަހުގެ 6 އަދި 7ގައި ސްރީލަންކާގައި އަޅުވަން ހަމަޖެހިފައިވާ ދިވެހި ފިލްމު ބޮސްގެ ޝޯތައް ތާވަލް ކުރެވިފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ބޮސްގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ބުނީ ލަންކާގައި ފިލްމު އެޅުވުމުގެ ތައްޔާރީތައް ވެފައި ވަނިކޮށް އެގައުމަށް މޫސުން ގޯސްވުމުން ފިލްމު އެޅުވުން ލަސްކޮށްލަން ނިންމި ކަމަށެވެ. ނަމަވެސް ފިލްމުގެ އިންތިޒާރުގައި ލަންކާގައި ތިބި ދިވެހިން، ފިލްމު އެޅުވުން ލަސްކުރަން ބޭނުން ނުވި ކަމަށް ނަހުލާ ބުންޏެވެ.

"އެ މީހުން އެދުނީ ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދަން. ލަންކާއަށް މިހާރު މޫސުން ގޯހެއް ނޫން. ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ އެކޮޅުގެ މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ،" ނަހުލާ ބުންޏެވެ.

އޭނާ ބުނީ ފިލްމު އެޅުވުން ލަސްކޮށްފިނަމަ، ފިލްމު ބެލުމުގެ ފުރުސަތު އެތައް ބަޔަކަށް ގެއްލިދާނެ ކަމަށެވެ.

ދިވެހި ފިލްމު ބޮސްގެ މަންޒަރެއް -- ސަން ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް

"އެއީ ޗުއްޓީގައި އެކި ތަންތަނަށް ދާން މީހުން ރާވާފަ ހުންނާނީ. ލަންކާގައި ދައްކަން ކުރިން ހަމަޖެއްސީ ދެ ޝޯ. އެކަމަކު އެ ދެ ޝޯވެސް ފުލްވެ އިތުރު ޝޯ ތަކަކަށް ޓިކެޓް ދޫކުރަން ފަށާފަ ވަނީ،" ނަހުލާ ބުނީ މާލޭގައި ތިބި މީހުންގެ ތެރެއިންވެސް ޗުއްޓީގައި ލަންކާއަށް ދާން ރާވާފައި ތިބި މީހުން، ބޮސްގެ ލަންކާ ޝޯތަކުން ޓިކެޓު ނަގަމުންދާ ކަމަށެވެ.

ލަންކާގައި ބޮސް އެޅުވުމަށް ހަމަޖެހިފައިވަނީ މައުންޓް ލެވީނިއާގެ ސިނަމާއެއްގައެވެ. އެ ސިނަމާގައި ނަހުލާގެ 4426ގެ ކާމިޔާބު ޝޯތަކެއްވެސް ވަނީ މިދިޔަ އަހަރުގެ ތެރޭ ދައްކައިފައެވެ. ލަންކާއިން ބޮސް ބަލަން ބޭނުންވާ ފަރާތްތަކުން ޓިކެޓްގެ ކަންތަކުގައި ގުޅަން ޖެހޭނެ ނަމްބަރަކީ 0094775034678 އެވެ.

ދިވެހި ފިލްމު ބޮސް އަވައްޓެރި ލަންކާގައި ދެއްކުމަށް ނިންމާފައިވާއިރު ފިލްމުގެ ވަދާއީ ދެ ޝޯ މާލޭގައި ދެއްކުމަށް ނިންމާފައިވަނީ މިމަހުގެ ތިނެއް އަދި ހަތަރެއްގައެވެ. ބޮސްގެ ހައުސްފުލް ޝޯތަކެއް އަތޮޅުތެރޭގެ 100 އަށްވުރެ ގިނަ ރަށުގައި މިހާތަނަށް ވަނީ ދައްކައިފައެވެ. ބޮސް އަކީ މިހާތަނަށް އަތޮޅުތެރޭގެ އެންމެ ގިނަ ރަށްތަކެއްގައި ސްކްރީން ކުރެވުނު ފިލްމެވެ. ގިނަ ރަށްތަކަކުން ރިކޯޑް އަދަދެއްގެ މީހުން ވަނީ މި ފިލްމު ބަލައިފައެވެ.

ބޮސް އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

ދިވެހި ފިލްމު ބޮސްގެ މަންޒަރެއް -- ސަން ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް

ބޮސް އިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ އެވެ.

މީގެ އިތުރުން "ޑިޕްރެޝަން"އިން އަރައިގަތުމަށް އިބާ ކުރިމަތިލާ ގޮންޖެހުންތަކާއި އެކަމުގެ ތެރޭގައި ކުރެވޭ މަޖުބޫރީ ކައިވެންޏަކާ އެކައިވެނިން ލިބޭ ހިތްދަތިކަން، އަދި ލޯބިވާ މީހާ ނުލިބުމުން ކުރާ ހިތްދަތި އަސަރު ވެސް ބޮސް ފިލްމުން ފެނިގެންދެ އެވެ.

ފިލްމުގެ ނަން "ބޮސް" އިޝާރަތް ކުރަނީ ބޮސް ދިނުމަށެވެ. "ލޯތްބަށް ޓަކައި ދޭ ބޮސްގެ ބާރު" މި ފިލްމުން ދައްކައިދެ އެވެ. މީގެ އިތުރުން އިޚްލާސްތެރި ދުއާގެ ބާރު ވެސް މި ފިލްމުން ފެންނާނެ އެވެ.