02 Dec 2017, 15:26
ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން ކުރިއަށް ގެންދިޔަ މިލޭނިއަމް ޔޫތް އެމްބެސެޑާސް ޕްރޮގްރާމުގެ ބެސްޓް އޯލް ރައުންޑަކަށް ހޮވުނު އަހްމަދު ޖަނާހް، ޔުނެސްކޯގެ ސްކޮލާޝިޕަށް ހޮވިއްޖެ އެވެ.
ޖަނާހް އަށް އެ ފުރުސަތު ލިބުނީ، އިންޓަނޭޝަނަލް ޔޫތު ކޮމިޓީ (އައިވައިސީ)އިން ރާއްޖެއަށް ދިން ފުރުސަތުގެ ތެރެއިންނެވެ. އައިވައިސީއަކީ މިމަހުގެ 16 އިން 20 ވަނަ ދުވަހަށް ކުރިއަށް ގެންދާ ޔުނެސްކޯ ޓެކް ކޮންފަރެންސް 2017ގެ ޕާޓްނަރެކެވެ.
ޔުނެސްކޯ ޓެކް ޕްރޮގްރާމަށް ހުށަހަޅާފައިވާ 800 ކުދިންގެ ތެރެއިން ސްކޮލާޝިޕަށް ހޮވިފައިވަނީ 20 ކުއްޖެކެވެ. އެ 20 ކުދިންގެ ތެރޭގައި ޖަނާހް ވަނީ ހިމެނިފަ އެވެ.
"ރަފީ" ޖަމިއްޔާގެ ފައުންޑަރ އަދި ރައީސާ ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވީ، ޖަނާހް އަކީ މިލޭނިއަމް އެމްބެސެޑަރު ޕްރޮގްރާމުގައި ބައިވެރިވި 225 ކުދިންގެ ތެރެއިން މޮޅު ދަރިވަރަށް ހޮވުނު ކުއްޖާ ކަމަށެވެ.
ޔުނެސްކޯ ސްކޮލާޝިޕަށް ކުދިން ހޮވުމަށް އައިވައިސީއަށް ލިބުނު ފުރުުސަތުގައި އައިވައިސީން ރާއްޖެއަށް ވެސް ފުރުސަތު ދިން ކަމަށާއި، އެ ފުރުސަތުގައި ނޮމިނޭޓް ކުރީ ޖަނާހް ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް ނޮމިނޭޓް ކުރީ މިދިޔަ އަހަރުގެ ބެސްްޓް އޯލް ރައުންޑް. އައިވައިސީގެ ފަރާތުން އަޅުގަނޑުމެން ނޮމިނޭޓް ކުރީ. އެއީ އައިވައިސީ ރާއްޖޭގައި ރިޕްރެޒެންޓް ކުރަނީ އަޅުގަނޑުމެންކަމުގައި ވާތީ. އަޅުގަނޑުމެން ނޮމިނޭޓް ކޮށްފަ އިން ކުއްޖާ (ޖަނާހް) އެއިނީ ހޮވިފައި،" ރަފިއްޔާ ވިދާޅުވި އެވެ.
ރަފިއްޔާ ވިދާޅުވީ، ޖަނާހް މިމަހުގެ ތެރޭގައި އިންޑިއާ އަށް ދިއުމަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރަފިއްޔާ ވިދާޅުވީ، ޔުނެސްކޯ ޓެކް ޕްރޮގްރާމަށް ހުށަހަޅާފައިވާ 800 ކުދިންގެ ތެރެއިން 20 ކުދިންނަށް ލިބުނު ސްކޮލާޝިޕްގެ ތެރޭގައި ރާއްޖޭގެ ކުއްޖެއް ހިމެނިގެން ދިއުމަކީ ރަފީ ޖަމިއްޔާއަށާއި، ރާއްޖެއަށް ލިބުނު ޝަރަފެއް ކަމުގައި ދެކޭ ކަމަށެވެ.
މިލޭނިއަމް ޔޫތް އެމްބެސެޑާ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ މިލޭނިއަމް ޔޫތް އެމްބެސެޑާސް ކޯޗިން ކޭމްޕް ކުރިއަށް ގެންދިޔައީ، މިއަހަރުގެ ޖުލައިމަހުގެ 13 އިން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރަފީ ޖަމިއްޔާއިން ބުނީ އެޕްރޮގްރާމަކީ، ޒުވާނުންނަށް ރޯލް މޮޑެލުންނަށް ވާނެ ރަނގަޅު ލީޑަރުން އުފެއްދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެ ޕްރޮގްރާމުގައި ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް އަށަގަންނަންޖެހޭ ހުނަރުތަކާއި، ވަޒީފާގައި އުޅޭއިރު މުހިންމު ނިންމުންތައް ނިންމުމާއި، އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރުމާއި އަދި ލީޑާޝިޕް ފަދަ ކަންކަން ކިޔަވައިދީފައިވެއެވެ.
އެ ޕްރޮގްރާމުގައި ތިން ހަރުފަތެއް ފުރިހަމަ ކުރަންޖެހެ އެވެ. އެއީ 400 ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެކެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހިންގާ ތިން ދުވަހުގެ ކޭމްޕެއްގެ އިތުރުން ލަންކާގައި ހިންގާ ހަތް ދުވަހުގެ ކޭމްޕެއް ހިމެނެ އެވެ. އެ ޕްރޮގްރާމް ހިންގަނީ ބައިވެރިވާ ކުދިންގެ އަތުން އެއްވެސް ފީއެއް ނުނަގާ ކަމަށް ރަފީ އިން ބުނެ އެވެ.