ފުލުހުންނަށް މަސްތުވާތަކެތި ފޮރުވަންވެގެން، ޕެކެޓްތަކެއް ދިރުވާލި ކަމަށް ޝައްކު ކުރެވޭ ޒުވާނަކު ހުޅުމާލެ އިން ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފުލުހުންނަށް ރޭ ލިބުނު ރިޕޯޓަކާ ގުޅިގެން ހުޅުމާލޭ ފްލެޓް ސަރަހައްދަށް ފުލުހުން ދިއުމުން އެ ސަރަހައްދުގައި ހުރި ޒުވާނަކު މަސްތުވާތަކެތި އަޅާފައިވާ ޕެކެޓެއް ދިރުވާލި ކަމަށް ޝައްކު ކުރެވިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެވަގުތު އެތާންގައި ތިބި މީހުން ވެސް އެ ޒުވާނާ މަސްތުވާތަކެތި ދިރުވާލި ކަމަށް ހެކިދޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ޒުވާނާ ހައްޔަރު ކުރި ތަނުން މަސްތުވާތަކެތި އަޅާފައިވާ އެއް ޕެކްޓް ފެނިފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަށެވެ.

"އޭނާ މަސްތުވާތަކެތި ދިރުވާލި ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ވެސް ބުނޭ. އަދި ހައްޔަރު ކުރި ހިސާބުން މަސްތުވާތަކެތި އަޅާފައިވާ ޕެކްޓްތަކެއް ވެސް ފެނިފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.

މަސްތުވާ އެއްޗެހިތަކެއް އަޅާފައިވާ ޕެކެޓެއް ދިރުވާލި ކަމަށް ޝައްކު ކުރެވޭ ޒުވާނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު އޭނާ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރިކަމެއް ފުލުހުން ވެސް އަދި ކްރިމިނަލް ކޯޓުން ވެސް ނުބުންޏެވެ.