02 Dec 2017, 00:43
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އެންމެ އުތުރުން ހއ. ހދ. އަދި ށ. އަތޮޅަށް ނެރުނު ޔެލޯ އެލާޓް ހެނދުނު ހަޔަކާ ހަމައަށް ދަމަހައްޓައިފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ، އެ ތިން އަތޮޅަށް ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި 55 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ އެހެން ސަރަހައްދު ތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާނުކުރެވޭތީ ނ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ނެރެފައިވާ ވައިޓް އެލާޓް ވަނީ ކެންސަލް ކޮށްފައެވެ.
ޅ. އަތޮޅުން ފެށިގެން އުތުރަށް އުދަ އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. ހއ. ނ. އަދި ރ. އަތޮޅުގެ ބައެއް ރަށްރަށަށް އުދަައިގެ އަސަރު ކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
އުތުރުގެ އަތޮޅުތަކުގެ މަސްވެރިން މަހަށް ނުނިކުތުމަށާއި، ކަނޑު ދަތުރު ނުކުރުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ އުތުރުން އުފެދިފައިވާ ތޫފާނުގެ އަސަރު ގަދަވަމުންދާ ކަމަށާއި، ނަމަވެސް ރާއްޖެއާއި ފެޔަށް ތޫފާން ޖެހެމުންދާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެ އިދާރާއިން ބުނީ ތޫފާނުގެ ބާރުގަދަވުމުގެ ސަބަބުން އުފެދޭ ވިއްސާރަ ވިލާތައް އަދިވެސް ރާއްޖޭގެ އުތުރުގެ ސަރަހައްދުގެ މަތީގައި އުޅޭނެ ކަމަށެވެ.