ޔެލޯ އެލާޓް ނެރެފައިވާ ރާއްޖޭގެ އުތުރުގައި ހިމެނޭ ހއ. ކެލައަށް އުދަ އަރަން ފަށައިފި އެވެ.

ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން ސަން އަށް ވިދާޅުވީ، އެރަށުގެ އުތުރު ފަރާތުން މިރޭގެ ވަގުތެއްގައި އުދަ އަރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 500 ފޫޓަށް އުދަ އަރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުފްރާން ވިދާޅުވި ގޮތުގައި، އުދަ އަރަމުން އަންނަ ސަރަހައްދަކީ މީހުން އާބާދު ވަމުންދާ ސަރަހައްދެއް ކަމުން ރައްކާތެރިވުމުގެ ގޮތުން ރައްޔިތުންނާއި ފުލުހުންނާ ގުޅިގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބޯކޮށް ވާރޭ ނުވެހުނު ނަމަވެސް އެރަށަށް ބާރަށް ވައި ޖެހެމުންދާ ކަމަށާއި އަދި އެކަމުގެ ސަބަބުން ބައެއް ގަސްތައް ވެރިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ގެއަކަށް އަދި މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ވެސް ބުނި ގޮތުގައި، ޔެލޯޓް އެލާޓް ނެރެފައިވާ އުތުރުގެ ރަށްތަކަށާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް މިއަދު 11:15 ހާއިރު ދިޔަވަރު ބޮޑު ވާނެ ކަމަށެވެ.

އަދި އެ ވަގުތު ތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.