01 Dec 2017, 21:51
ވޯލްޑް ކަޕް 2018ގައި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލާއި ސްޕެއިން އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.
ރަޝިއާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ގުރުނެގުން ކުރިއަށްދިޔައީ މިރޭގެ ވަގުތެއްގައި މޮސްކޯގެ ސްޓޭޓް ކްރެމްލިން ޕެލަސްގަ އެވެ.

ވޯލްޑް ކަޕް ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އޭޕީ
ޔޫރޯ 2016ގެ ޗެމްޕިއަން ޕޯޗުގަލާއި ވޯލްޑް ކަޕް 2010ގެ ޗެމްޕިއަން ސްޕެއިން ހިމެނިފައި ވަނީ 'ގްރޫޕް ބީ'ގަ އެވެ. އެ ދެ ޓީމުގެ އިތުރުން ދެން އެ ގްރޫޕުގައި ހިމެނެނީ މޮރޮކޯ އާއި އީރާނެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން ޖަރުމަން ލައްވާލީ މެކްސިކޯ އާއި، ސްވިޑަން އަދި ދެކުނު ކޮރެއާއާ އެކު 'ގްރޫޕް އެފް'ގަ އެވެ. އިނގިރޭސިން ލައްވާލީ ވަރުގަދަ ބެލްޖިއަމާއި، ޕެނަމާ އަދި ޓިއުނީޝިއާއާ އެކު 'ގްރޫޕް ޖީ'ގަ އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕްގެ ރަނަރަޕް އާޖެންޓީނާ ލައްވާލީ އައިސްލެންޑާއި، ކްރޮއޭޝިއާ އަދި ނައިޖީރިއާއާ އެކު 'ގްރޫޕް ޑީ'ގަ އެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބްރެޒިލް ހިމެނެނީ ސްވިޒަލެންޑާއި، ކޮސްޓަ ރިކާ އަދި ސާބިއާއާ އެކު 'ގްރޫޕް އީ'ގަ އެވެ.

ވޯލްޑް ކަޕް ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އޭޕީ
ކޮލިފައިން ބުރުގައި ޒުވާން ކުޅުންތެރިންތަކަކާ އެކު ވިދާލި ފްރާންސް ލައްވާލީ އޮސްޓްރޭލިއާ އާއި، ޕެރޫ އަދި ޑެންމާކާ އެކު 'ގްރޫޕް ސީ'ގަ އެވެ. ވޯލްޑް ކަޕް ބާއްވާ ގައުމު ކަމަށްވާ ރަޝިއާ ލައްވާލީ އުރުގުއާއީ އާއި، ސައުދީ އަރަބިއްޔާ އަދި މިސްރާ އެކު 'ގްރޫޕް އޭ'ގަ އެވެ.
ވޯލްޑް ކަޕް 2018ގެ ގްރޫޕްތައް:
ގްރޫޕް އޭ – ރަޝިއާ، ސައުދީ އަރަބިއްޔާ، މިސްރު، އުރުގުއާއީ.
- ގްރޫޕް ބީ – ޕޯޗުގަލް، ސްޕެއިން، މޮރޮކޯ، އީރާން.
- ގްރޫޕް ސީ – ފްރާންސް، އޮސްޓްރޭލިއާ، ޕެރޫ، ޑެންމާކް.
- ގްރޫޕް ޑީ – އާޖެންޓީނާ، އައިސްލެންޑް، ކްރޮއޭޝިއާ، ނައިޖީރިއާ.
- ގްރޫޕް އީ – ބްރެޒިލް، ސްވިޒަލެންޑް، ކޮސްޓަ ރިކާ، ސާބިއާ.
- ގްރޫޕް އެފް – ޖަރުމަން، މެކްސިކޯ، ސްވިޑަން، ދެކުނު ކޮރެއާ.
- ގްރޫޕް ޖީ – ބެލްޖިއަމް، ޕެނަމާ، ޓިއުނީޝިއާ، އިންގްލެންޑް.
- ގްރޫޕް އެޗް – ޕޮލެންޑް، ސެނެގާލް، ކޮލަމްބިއާ، ޖަޕާން.