މޯލްޑިވިއަން އައިޑަލްގެ ތިން ވަނަ ސީޒަންގެ އޮޑިޝަންތައް މާދަމާ އައްޑޫ ސިޓީ ހިތަދޫގައި ފަށާނެ އެވެ.

މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް މާދަމާ އައްޑޫގައި ފަށާ އިރު މިފަހަރުގެ ސީޒަންގެ އޮޑިޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ ހިތަދޫގެ އިތުރުން ރ. އުނގޫފާރު އަދި މާލެ ސިޓީގަ އެވެ. އައްޑޫ އޮޑިޝަން އޮންނާނީ ހިތަދޫގައި ހުންނަ އެމްއެންޔޫ ކެމްޕަހުގައި މާދަމާ 9:00 އިން ފެށިގެންނެވެ.

މޯލްޑިވިއަން އައިޑަލް އަކީ ރާއްޖޭގައި ބާއްވާ ހަމައެކަނި ފްރެންޗައިޒް ޝޯ އެވެ.

އައިޑަލްގެ މިފަހަރުގެ ސީޒަންގައި ހަތަރު ފަނޑިޔާރުން ފެނިގެންދާނެ އެވެ. ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ސީޒަން އެކެއް އަދި ދޭއްގައި ވެސް ފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލްއާ ގުޅުނު ޒާރާ މުޖުތަބާ އެވެ.

މި ފަހަރުގެ ސީޒަންގައި ހޯސްޓުންގެ ގޮތުގައި ފެނިގެންދާ މޫނުތަކަށް ބަލާ އިރު، ފިރިހެން ހޯސްޓަކީ މިފަހަރު ވެސް މޫސާ ވަސީމެވެ. މި ސީޒަންގައި ވެސް އަންހެން ހޯސްޓަކީ އާ މޫނެކެވެ. އަންހެން ހޯސްޓެއްގެ ގޮތުގައި ފެނިގެންދާނީ ދިވެހި އެފްއެމްގެ އާރްޖޭ ޝައިނާ ޝަރީފެވެ.

މޯލްޑިވިއަން އައިޑަލްގެ ޕްލެޓްފޯމުން ފެންނަ ފަންނާނުން ތަމްރީނުކުރުމުގެ ކަންތަކާ މިފަހަރު ހަވާލުވީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އެވެ. ތޭރަވާ ވަނީ އައިޑަލްގެ ސީޒަން އެކެއްގައި ވެސް ކޯޗެއްގެ ރޯލު އަދާކޮށްފަ އެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ޓައިޓަލް ވިނާ އަކީ ލައިޝާ ޖުނައިދެވެ. ދެ ވަނަ ސީޒަންގައި އައިޑަލްގެ ޓައިޓަލް ގެންދިޔައީ މުހައްމަދު ތަސްނީމް (ބޮބް) އެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ މެއިން ސްޕޮންސަރަކީ މިފަހަރުވެސް އެލައިޑް އިންޝުއަރެންސް އެވެ. ޓައިޓަލް ސްޕޮންސަރަކީ ކުރީގެ ދެ ސީޒަނެކޭ އެއްގޮތަށް ދިރާގެވެ.

ކޯ ސްޕޮންސާ ޕްލަސް އަކީ ވިލާ ކޮލެޖެވެ. ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ.