އެސްޓީއޯއިން ރޯދަ މަހަށް ހާއްސަކޮށްގެން ގެނައި ފިޔާ، ބިސް އަދި އަލުވި އެސްޓީއޯއާއި އެއް އަގެއްގައި ވިއްކަން އެއްބަސްވި 10 ފަރާތަކަށް ކޮންޓްރޯލެއް ނެތި ވިއްކަން ފަށައިފި އެވެ.

އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ ޖެނެރަލް މެނޭޖަރު އާދަމް އާޒިމް މިއަދު ވިދާޅުވީ އެސްޓީއޯއާއި އެއް އަގެއްގައި ފިޔާ، ބިސް އަދި އަލުވި ވިއްކަން ޝައުގުވެރިވި 10 ވިޔަފާރިވެރިޔަކަށް އެއްވެސް ކޮންޓްރޯލެއްނެތި އެތަކެތި ވިއްކާފައިވާ ކަމަށާއި އެ ފުރުސަތަށް އެދި އިތުރު ވިޔަފާރިވެރިން ވެސް ހުށަހަޅަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އިއުލާނެއް ކޮށްލާފައިވާނީ. މިކޮޅުން ގަނޑުކޮށްނަގައިގެން މިކޮޅަށް ވިއްކާ އަގަށް އެބޭފުޅުން ވިއްކާނީ. އަދި 10 ފަރާތަކަށް އަޅުގަނޑުމެން މި ވިއްކީ. އަދި އެބައުޅޭ ވަރަށް ގިނަ އެޕްލިކޭޝަންތަކެއް،" އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކަނީ 250ރ. އަށެވެ. އަދި އަލުވި ބަސްތާއެއް 220ރ. އަށް ވިއްކާއިރު ބިސްކޭހެއް ވިއްކަނީ 320ރ. އަށެވެ.

އާޒިމް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އެސްޓީއޯގެ ސުޕަމާކެޓްގައި އަގުހެޔޮކޮށް ލިބެން ހުންނަ ތަކެތިވެސް އެ ވިޔަފާރިވެރިންނަށް ކޮންޓްރޯލެއްނެތި ވިއްކާނެ ކަމަށާއި އެ ފަދަ ތަންތަން ފާހަގަވާނެ ގޮތަށް ހާއްސަ ސްޓިކާއެއް ހިއްޕާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ވީހާވެސް ކައިރިން ރައްޔިތުންނަށް ހިދުމަތްދިނުން. އޭރުން އެބޭފުޅުން ސުޕަމާކެޓަށް ނައިސް މިތަނުން ލިބޭ އަގުގައި ތަކެތި ލިބޭނެ،" އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯއިން ރޯދަމަހަށް ހާއްސަކޮށްގެން ވަނީ އާންމު ކާބޯތަކެތީގެ ތިން ޝިޕްމަންޓެއް ރާއްޖެ ގެނެސްފަ އެވެ.

މިރޭވެސް އޭގެ ޝިޕްމަންޓެއް ރާއްޖެ ވަންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.