މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އިއްޔެ އެންމެ ބޮޑަށް ފެންބޮޑުވި އެއް ރަށަކީ ދ. މީދޫ އެވެ.

މީދޫގައި ފެން ހިއްކުމަށް އާންމުން ވަނީ ޕަންޕު ޖަހައިފަ އެވެ. މީދޫގައި އިއްޔެ ފެންބޮޑުވި ވަގުތު ފެންގަނޑުގައި މީހަކު ފަތާފައި ދާ މަންޒަރު ފެންނަ ވިޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އެ ފެންގަނޑު އެވްރެޖް އިސްކޮޅެއްގެ މީހެއްގެ ކަކުލާ ހަމައަށް އަންނާނެ އެވެ.

މަގުމަތީ ހެދިފައި އޮތް ފެންގަނޑުގައި ފަތާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާ އިރު، ވިއްސާރައިގެ ސަބަބުން ހެދޭ ފެންގަނޑަށް އެރި ނުހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭ އިން ބުނީ، މޫސުމީ ވިއްސާރައާ ގުޅިގެން ފެތުރޭ ބަލިމަޑުކަމުން ރައްކާތެރިވުމަށް، ފެންގަނޑުތަކަށް އެރި ނުހެދުން މުހިންމު ކަމަށެވެ.

ހާއްސަކޮށް ފެންގަނޑު ތެރެއަށް ކުޑަކުދިން އެރުނަ ނުދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.