01 Dec 2017, 18:52
ތޫފާން އޯޗީގެ އަސަރު އެންމެ ބޮޑަށް މިހާރު ކުރަމުންދާ އަވައްޓެރި އިންޑިއާގެ ކެރެލާ އަށް ނިސްބަތްވާ 165 އާއިލާއެއް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި އެވެ.
ތޫފާނުގެ ސަބަބުން އުތުރު އިންޑިއާގެ ސަރަހައްދުތަކަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. ވިއްސާރައިގެ ސަބަބުން މަގުތަކުގައި ފެންބޮޑުުވެ ދަތުރު ފަތުރުގެ ނިޒާމަށް ދަތިތައް ކުރިމަތިވެފައިވާއިރު އައްސޭރި ފަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވައިގަދަވުމުގެ ސަބަބުން ދަނީ ދަތިތައް ކުރިމަތިވަމުންނެވެ.
ކެރެލާގެ އައްސޭރިފަށުގައި ދިރިއުޅޭ 165 އާއިލާއެއް މިހާރު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ކެރެލާގެ އިތުރުން އިންޑިއާގެ އުތުރުގެ އެހެން ހިސާބުތަކުން ވެސް 130 އަށް ވުރެ ގިނަ އާއިލާ އެހެން ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ތޫފާނުގެ ސަބަބުން ކަނޑުގަދަވެ އިންޑިއާގެ 200 އަށް ވުރެ ގިނަ މަސްވެރިން ވަނީ ގެއްލިފަ އެވެ. ގެއްލުނު މަސްވެރިން ހޯދުމުގެ މަސައްކަތް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
ތޫފާނުގެ އަސަރު އިންޑިއާ އަދި ސްރީލަންކާ އަށް ކޮށްފައިވާއިރު މި ތޫފަނުގެ ސަބަބުން 17 މީހުން ވަނީ މަރުވެފަ އެވެ. އަދި 20000 އަށް ވުރެ ގިނަ މީހުންނަށް މި ތޫފާނުގެ ސަބަބުން ސީދާ ގެއްލުންތައް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ތޫފާނުގެ ސަބަބުން ލަކްޝަދީބް އަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ތޫފާން އޯޗީ މިހާރު އަރަބި ކަނޑާ ހަމައަށް ގޮސްފައިވާ އިރު ތޫފާނުގެ އަސަރު އަދި ވެސް ގަދަވަމުން އަންނަ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ހާމަކުރެ އެވެ.