ރާއްޖޭގެ ސަރަހައްދުގައި ވަގަށް މަސްވެރިކަން ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ސްރީ ލަންކާގެ ދެ މަސް ބޯޓު މާލެ ގެނެސް ކަމާ ބެހޭ ފަރާތްތަކާ ހަވާލުކޮށްފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ މި ދެ ބޯޓު މާލެގެނެސް ކުރިއަށް ގެންދަންޖެހޭ ތަހުގީގުތައް ކުރުމަށްޓަކާ ކަމާބެހޭ އިދާރާތަކާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރަން އުޅޭކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ މަސްބޯޓުތައް އަތުލައިގަނެފައި ވަނީ ވ. އަތޮޅުގެ އިރުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަގަށް މަސްވެރިކަން އުޅެނިކޮށް ލަންކާ ދެ މަސްބޯޓެއް ކޯސްޓްގާޑުން އަތުލައިގެންފައިވާ އިރު، މިމަހުގެ ތެރޭގައި ގއ. ކޮލަމާފުށީ ބޭރުން ރާއްޖޭގެ މަސްދޯނިތަކަކަށް ފެނިގެން ބޭރުގެ ފަސް ބޯޓެއް ވަނީ ހިފަހައްޓައިފަ އެވެ.

ނަމަވެސް އެ ބޯޓުތަކަކީ ރަސްމީ ފަރާތްތަކުން ހުއްދަ ނަގައިގެން ސްރީލަންކާ އިން މޮރިޝަސްއަށް ދަތުރުކުރަމުންދިޔަ ބޯޓުތަކެއްކަން ކަމަށް ބުނެ އެމްއެންޑީއެފުން އެ އުޅަނދުތައް ދޫކޮށްލި އެވެ.