01 Dec 2017, 18:52
ސައިކްލޯން އޯޗީ ގައި އިންޑިއާގެ ދެކުނުގެ ސަރަހައްދު ތަކަށް ބޮޑެތި ގެއްލުންތައް ވަމުން އެބަދެ އެވެ.
ތޫފާނުގެ އަސަރު އިންޑިއާ އަށް ކުރަންފެށީ އިއްޔެ މެންދުރު ކުރީގެ ވަގުތެއްގަ އެވެ. ޓްރެވިންޑްރަމް، ޓެމިލްނާޑޫ އަދި ކެރެލާ އަށް ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބެމުންދާ އިރު މިސަރަހަައްދު އައްސޭރި ފަށުގައި ދިރިއުޅޭ މަސްވެރިންގެ ތެރެއިން 200 އަށް ވުރެ ގިނަ މަސްވެރިން ވަނީ ގެއްލިފަ އެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އިންޑިއާގެ ކަނޑުގެ ސިފައިން ކުރަމުންދާ އިރު، ކަނޑުގަދަވެ، މޫސުން ގޯސްވުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ދަތިތައް ކުރިމަތިވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
މީހުން ސަލާމްތަކުރުމަށް ނޭވީ ޝިޕްތަކާއި ހެލިކޮޕްޓަރުތައް ހަރަކާތްތެރިވަމުންދާ އިރު، ގެއްލުނު ބައެއް މަސްވެރިން ކަނޑުމަތިން ވަނީ ސަލާމަތް ކޮށްފަ އެވެ. އެގޮތުން 20 މީހަކު މިހާތަނަށް ސަލާމަތް ކުރެވިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ތޫފާނުގެ ސަބަބުން ކުރަމުންދާ ވިއްސާރައާ ގުޅިގެން ދެކުނު އިންޑިއާގެ ސްކޫލުތައް ވެސް މިއަދު ވަނީ ބަންދުކޮށްފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް ސަރުކާރުން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ. އެ ސަރަހައްދުތަކުގެ އެތެރޭގެ ދަތުރުފަތުރަށް ވެސް ވިއްސާރައިގެ ސަބަބުން ވަނީ ބުރޫ އަރައިފަ އެވެ.
ވިއްސާރަ އާއި ވައި ގަދަވުމުގެ ސަބަބުން ކަރަންޓު ލައިންތައް ކަނޑައިގެން ދިއުމާއި ރުއްގަސް ވެއްޓުމުގެ ހާދިސާތައް އިންޑިއާގައި ވެސް ދަނީ ކުރިމަތިވަމުންނެވެ.
އިންޑިއާގެ ދެކުނަށް ކުރި ވިއްސާރައެއްގައި 1999 ވަނަ އަހަރު 8000 މީހުން މަރުވި ކަމަށް ރެކޯޑްތައް ދައްކަ އެވެ. މިފަހަރުގެ ތޫފާނުގެ ސަބަބުން އިންޑިއާ އިން ދިހަ މީހުން މަރުވެފައިވާ ކަމަށް ބައެެއް ހަބަރުތައް ބުނެ އެވެ.
ސައިކްލޯން އޯޗީ މިހާރުވަނީ އިންޑިއާ މަތިން، އަރަބި ކަނޑަށް ދަތުރުކޮށްފަ އެވެ. ނަމަވެސް ތޫފާނުގެ އަސަރު އިންޑިއާ އަށާއި ރާއްޖެ އަދި ލަންކާއަށް އަދިވެސް ދަނީ ކުރަމުންނެވެ.