02 Dec 2017, 09:51
ސްޓާޕްލަސް އިން ދައްކާ މަގުބޫލް ސީރީޒް "ޔޭ ހޭ މޮހައްބަތޭން"ގެ ލީޑް އެކްޓްރެސް، އިޝީތާގެ ރޯލުން ފެނިގެންދާ ދިވްޔަންކާ ތްރިޕާތީ އެ ސީރީޒް ދޫކޮށްލަން އުޅޭކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޔޭހޭ މޮހައްބަތޭން އިން އިޝީތާ ވަކިވާން ނިންމާފައިވާ އިރު އެ ސީރީޒްގައި އޭނާ މަރުވާތަން ދެއްކުމަށް ފަހު ދެން ދިވްޔަންކާގެ ރޯލެއް ސީރީޒް އިން ނުފެންނާނެ ކަމަށްވެ އެވެ.
މިކަމާ ގުޅިގެން ދިވްޔަންކާ ބުނެފައި ވަނީ އިޝީތާގެ ރޯލުން ފެނުނު ކޮންމެ ދުވަހަކީ އޭނާގެ ކެރިއަރުގައި އެތައް ތަޖުރިބާއެއް ލިބުނު ދުވަހެއް ކަމަށެވެ. "އިޝީމާ"ގެ ކެރެކްޓާ އިން ބެލުންތެރިންގެ ހިތުން ޖާގައެއް ލިބުމުން ހިތްހަމަޖެހިފައި ހުރިކަމަށް އޭނާ ބުންޏެވެ.
ސީރީޒްގެ ލީޑް ކެރެކްޓާ ބަދަލުވާ ނަމަ އާންމުކޮށް ފެންނަނީ ކެރެކްޓާ މަރުވުމަށް ފަހު އަލުން ދިރިގެން އެހެން ސިފައެއްގައި އަންނަ ތަނެވެ. އިޝީތާގެ ކެރެކްޓާ ވެސް މަރުވުމަށް ފަހު، އެހެން ސިފައެއްގައި އަލުން ފެނުންނާނެ ކަމަށް ބެލެވެ އެވެ.
ޔޭހޭ މޮހައްބަތޭން އަށް އާ ތަރިންތަކެއް ގެންނަން ޕްރޮޑިއުސަރު އެކްތާ ކަޕޫރު ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. ދިވްޔަންކާ ޔޭހޭ މޮހައްބަތޭން ދޫކޮށްލައިފި ނަމަ ސީރީޒްގެ ޕޮޕިއުލަރިޓީ އަށް ބަދަލު އަތުވެދާނެ ކަމަށް ބެލެވެ އެވެ.